ބީއެމްއެލް އިން އައްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް އިން އައްޑޫ ހިތަދޫ ބްރާންޗުގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށް އައްޑޫ ސިޓީއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ. މިރޭ ހުޅުވި އާ އޭޓީއެމްއިން 24 ގަޑިއިރު ޑޮލަރު ޑިޕޮ...

16 Feb 2025 | 17:57

ބޭންކް އޮފް މޯލްޑިވްސް އިން އައްޑޫ ހިތަދޫ ބްރާންޗުގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށް އައްޑޫ ސިޓީއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

މިރޭ ހުޅުވި އާ އޭޓީއެމްއިން 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ އިތުރުން ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމުގައި ބީއެމްއެލްއިން ބުނެއެވެ.

އެ ބޭންކުން ބުނެފައިވާގޮތުގައި ޑޮލަރު އޭޓީއެމްގެ އިތުރުން މިހާރުވެސް ހިތަދޫ ބްރާންޗުގައި ދެ އޭޓީއެމް ގާއިމްކޮށްފައިވާއިރު، އޭގެ ތެރެއިން އެއް އޭޓީއެމް ހާއްސަ ކުރެވިފައިވަނީ ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތަށެވެ. ދެވަނަ އޭޓީއެމްއަކީ ފައިސާ ނެގުމަށް ހާއްސަކުރެވިފައިވާ އޭޓީއެމްއެކެވެ.

އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޑޮލަރު އޭޓީއެމް ގާއިމު ކުރުމަކީ އައްޑޫ ސިޓީގައި ޑޮލަރު މުއާމަލާތްތަކަށް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ.

"އިސްލާމިކް ބޭންކިން ހިދުމަތަށް އިސްކަންދިނުމަށް ގަމު ބްރާންޗަށް ދާދި ފަހުން މި ގެނެވުނު ބަދަލާއި އޭޓީއެމްގެ ހިދުމަތް ފުޅާކުރުމާއެކު، ބޭންކުން މި ދަނީ އައްޑޫ ސިޓީގައި ބޭންކުގެ ބައިވެރިވުން އިތުރަށް ހަރުދަނާ ކުރަމުން." ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ޑޮލަރު ޚިދުމަތް ތައާރަފްކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 151 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް