ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ މައްޗަށް އުފައްދާ ރޭޑިއޯ ޑްރާމާ ސިލްސިލާއެއް މިރަމަޟާންމަހު ދިވެހިރާއްޖޭގެ އަޑުން ގެނެސްދިނުމަށް ނިންމައިފި އެވެ.
މި ޑްރާމާ އިފްތިތާހު ކޮށްދެއްވުމަށްޓަކައި ދިވެހިރާއްޖޭގެ އަޑު ބިލްޑިންގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދުއެވެ.
މި ރޭޑިއޯ ޑްރާމާގެ ސްކްރިޕްޓް ލިޔެދެއްވަނީ ކަށިމާ އަޙުމަދު ޝާކިރުއެވެ.
މި ޑްރާމާ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަށިމާ އަހްމަދު ޝާކިރު ވިދާޅުވީ، މިޑްރާމާ އަކީ މީގެ ކުރިންވެސް ނެރެން މަސައްކަތް ކުރެއްވި ޑްރާމާއެއް ކަމަށެވެ.
އަދި މިއީ ބޮޑުތަކުރުފާނުގެ ހަޔާތްޕުޅާ ކުރެއްވި ޤައުމީ ޖިހާދާ ގުޅިގެން މީހުންގެ ހިތުގައި އުފެދިފައި ހުރި ބައެއް ސުވާލުތައް ޖަވާބެއް ހޯދުމުގެ ގޮތުން ކުރެއްވި މަސައްކަތެއް ކަމަށް ކަށިމާ އަހްމަދު ޝާކިރު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޝާކިރު ވިދާޅުވީ ބޮޑުތަކުރުފާނު ވާހަކައަކީ ދިވެހިންގެ ސަގާފަތާއި ދިރިއުޅުމުގެ ވަރަށް ބޮޑު ބައެއް ކަމަށެވެ.
ހަތާވީސް މިނެޓުގެ 15 އެޕިސޯޑުގެ މައްޗަށް އެކުލެވޭ "ޤައުމީ ޖިހާދު" ޑްރާމާ ސިލްސިލާގެ ޕްރޮޑިޔުސަރަކީ އަލީ ރާޒީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް