ހުކުމް ކުރުމަށްފަހު ލިޔެކިޔުމަށް ބަދަލު ގެނައި ފުވައްމުލަކު ގާޒީއެއް ސަސްޕެންޑްކޮށްފި

ފުވައްމުލަކު ސިޓީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު އަކްރަމް ހަތް ދުވަހަށް ސަސްޕެންޑްކޮށްފި އެވެ. ޖޭއެސްސީ އިން ބުނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއްގައި މެޖިސްޓްރޭޓް އަހްމަދު އަކ...

16 Feb 2023 | 13:48

ފުވައްމުލަކު ސިޓީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު އަކްރަމް ހަތް ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.

ޖޭއެސްސީ އިން ބުނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއްގައި މެޖިސްޓްރޭޓް އަހްމަދު އަކްރަމް ހުކުމްކޮށް 10 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ހުލާސާ ރިޕޯޓެއް ދައުވާގައި ހިމެނޭ ފަރާތްތަކަށް ދޫކުރުމާ ގުޅިގެން އެ ހުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް ފެބްރުއަރީ 19، 2020 ގައި ޕީޖީ އޮފީހުން އެ ގަޒިއްޔާ އިސްތިއުނާފު ކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ކަމަށެވެ.

ނަމަވެސް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ރާއްޖޭގެ ހައިކޯޓަށް ފޮނުވާފައިވަނީ ޕިޖީ އޮފީހުން އެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ލިޔެކިޔުމުގައި ހިމެނޭ ހުލާސާ ރިޕޯޓުގެ ބަދަލުގައި އެ ރިޕޯޓުގައި ނުހިމެނޭ އިތުރު ނުކުތާތަކެއް އިތުރުކޮށްފައިވާ ރިޕޯޓެއް ކަމަށް ޖޭއެސްސީ އިން ބުނެ އެވެ. އަދި އެ ގަޒިއްޔާގައި ހުކުމްކޮށް ހުލާސާ ރިޕޯޓު ދޫކުރިފަހުން، ހުކުމް ކުރި ޝަރީއަތުގެ މަޖިލީހުގައިވެސް މެޖިސްޓްރޭޓް އަހްމަދު އަކްރަމް ފާހަގަކޮށްފައި ނުވާ އިތުރު ނުކުތާތަކެއް ރިޕޯޓަށް އިތުރުކުރުމަކީ ކުރިން އިއްވި ހުކުމަށް ފަހުން ބަދަލު ގެނައުން ކަމުގައި އެ ކޮމިޝަނުން ފާހަގަކުރެ އެވެ.

މިގޮތުން ޖޭއެސްސީ އިން ބުނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ލިޔެކިޔުމަށް ބަދަލު ގެނެސް ޕީޖީ އޮފީހުން ހުށަނާޅާ ލިޔުމެއް އެ އޮފީހުން ހުށަހެޅި ލިޔުމެއްގެ ގޮތުގައި ރާއްޖޭގެ ހައިކޯޓަށް ފޮނުވުމާއި، އެ އޮފީހުން ހުށަހެޅި ލިޔުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ނުފޮނުވާ ބޭއްވުމަކީ ޕީޖީ އޮފީހުގެ ލިޔެކިޔުމަށް ބަދަލުގެނެސް ހަގީގަތް އޮޅުވާލުންކަން ސާބިތުވެފައިވާ ކަމަށެވެ.

މި މައްސަލައިގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ގާނޫނުއަސާސީއާއި ހިލާފަށް އަމަލުކޮށްފައިވުމުގެ ސަބަބުން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް މެޖިސްޓްރޭޓް އަހްމަދު އަކްރަމް މިއަދުން ފެށިގެން ވަޒީފާގެ މަސައްކަތަށް ނުކުތުން ހަތް ދުވަހަށް މަނާކުރުމަށް އިއްޔެ ބޭއްވި ޖޭއެސްސީގެ 13 ވަނަ ޖަލްސާގައި ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް