މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އާސިރު އިސްމާއިލް އެއާޕޯޓަށް ދިޔަ ޓެކްސީ ދެނެގަނެ ޓެކްސީގެ ޑްރައިވަރާއި ސުވާލުކޮށްފިއެވެ.
ސ. މަރަދޫ، ގަސްކަރަ، އުމުރުން 31 އަހަރުގެ މުހައްމަދު އާސިރު އިސްމާއިލް ގެއްލުމާއި ގުޅޭގޮތުން ފުލުހުން ދެންމެ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އަދިވެސް އާސިރު ފެނިފައިނުވާއިރު އާސިރު އެއާޕޯޓަށް ދިޔަ ފަހުން ދެން ދިޔަ ތަނެއްވެސް އަދި ދެނެގަނެވިފައި ނުވާކަމަށެވެ.
"އޭނާ ދިރިއުޅޭ ގެ ހ. އަލްޝާވިލާ ހިމެނޭ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިހުރި ކެމެރާތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކެމެރާތަކާއި ޓީއެމްއޭގެ ކެމެރާތަކާއި އެއާޕޯޓް ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ހިމެނޭހެން 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު މިހާތަނަށް ވަނީ ބަލާފައެވެ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އާސިރު އެއާޕޯޓަށް ވަންނަ ސަރަހައްދުގައި އެހެން އިތުރު ކެމރާއެއް ނެތުމުން، ދެން ދިޔަ ހިސާބެއް މިހާތަނަށް ދެނެގަނެވިފައިނުވާކަމަށާއި އެހެންކަމުން އެއާޕޯޓް ފަޅުގައި ހުރިހާ އޮޑިދޯނިފަހަރާއި ލޯންޗުތައް ބަލައި އެ ސަރަހައްދުގައި އާންމުކޮށް އުޅޭ މީހުންނަށް އާސިރުގެ ފޮޓޯ ދައްކައިގެން އެމީހުންނަށް ފެނިފައިވޭތޯ ބަލާފައިވާނެކަމަށެވެ. އަދި އެއާޕޯޓްގެ އެކި ސަރަހައްދުތައް ބަލައިފާސްކުރުމުގެ އިތުރުން އެއްވެސް ބުކިންއެއް ހަދާފައިވޭތޯ ބަލާފައިވާނެ ކަމަށާއި އެގޮތުން ކުރެވުނު މަސައްކަތުން އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ނުދާކަމާއި އެއްވެސް އެއާލައިނަކުން ރާއްޖޭގެ އެއްވެސް ރަށަކަށް ނުދާކަން ޔަގީން ކުރެވިފައިވާކަމަށް ބުނެފައިވެއެވެ. އަދި މީހގެ އިތުރުން އާސިރު އެއާޕޯޓަށް ދިއުމަށް އެރި ޓެކްސީ ދެނެގަނެވި ޓެކްސީގެ ޑްރައިވަރާއި ތަހުގީގު ޓީމުން ސުވާލުކޮށްފައިވާނެކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލެ އަދި މާފުށީގެ ހުރިހާ ގެސްޓްހައުސްތަކާއި އަތޮޅުތެރޭގެ ގެސްޓްހައުސްތަކުން އެއްވެސް ހިދުމަތެއް ހޯދާފައިވޭތޯ ބެލުމުގެ މަސައްކަތުގެ އިތުރުން، މާލޭ ސަރަހައްދުގެ ކައިރި ރަށްރަށާއި ރާއްޖޭގެ އެއްވެސް ރަށެއްގައި އާސިރު އުޅޭތޯ ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އަދި މިކަންކަމުގެ އަދާހަމަ އާއިލާއާއި ހިއްސާކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް