ބާދަގަނޑުގެ ވިޔަފާރިއަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ދޫކުރަނީ

ބާދަގަނޑުގެ ވިޔަފާރި ކުރާ މީހުންނަށް ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ކުރު މުއްދަތަށް ކުއްޔަށް ބިން ދޫކުރަން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ. އެޗްޑީސީން ބުނީ ފޭސް ދޭއްގައ...

16 Feb 2023 | 07:33

ބާދަގަނޑުގެ ވިޔަފާރި ކުރާ މީހުންނަށް ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ކުރު މުއްދަތަށް ކުއްޔަށް ބިން ދޫކުރަން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ ފޭސް ދޭއްގައި އިމާރާތް ކުރުމުގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ދާތީ އިމާރާތް ކުރާ ސައިޓުތަކުން ގިނަ އަދަދަކަށް ބާ ދަގަނޑު އުފެދެމުން ދާ ކަމަށެވެ. އެކަމާއި ގުޅިގެން އެ ވިޔަފާރި ކުރާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ބުންޏެވެ.

އެޗްޑީސީން ބުނީ އެ ފަދަ ފަރާތްތަކުން ދަނީ ފޭސް ދޭއްގެ މަގުތަކާއި ހުސް ޖާގަ ތަކުގެ އިތުރުން ދުވާރުތަކުގައި ބާ ދަގަނޑު ބަހައްޓަމުން ކަމަށެވެ. އޭގެ ސަބަބުން އާންމުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ގުޅިގެން އެ ކޯޕަރޭޝަނަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށް ބުންޏެވެ.

އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެޗްޑީސީން އެ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފޭސް ދޭކުން ކުރުމުއްދަތަކަށް ކުއްޔަށް ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށާއި އެ ބިންތައް ދޫކުރާނީ މެރީނާ އައިލެންޑް ސަރަހައްދުން ކަމަށް ބުންޏެވެ. އެކަމަކު އެއީ ކިތަށް ބިން ކަމެއް އަދި ކިހާ މުއްދަތަކަށް ކަމެއް ނުބުނެ އެވެ.

އެޗްޑީސީން ބުނީ އެކަމަށް އެދޭ ފަރާތަކީ ވިޔަފާރި ހުއްދަ އާއި އެކްސްޕޯޓް ލައިސެންސް އޮތް ފަރާތެއް ކަމުގައި ވާންޖެހޭނެ ކަމަށެވެ. އަދި އެޗްޑީސީއަށް ދައްކަންޖެހި ނުދައްކާ އެއްވެސް ފައިސާއެއް އޮތް ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް ބުންޏެވެ.

މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެ ބިންތަކަށް ކުރިމަތިލާން ވަނީ ހުޅުވާލައިފަ އެވެ. އެކަމަށް އެދޭ ފޯމު އެޗްޑީސީގެ ރިސެޕްޝަނުން ލިބޭނެ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް