މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން ހިންގާ އޮފީސް ހުޅުމާލެއަށް ބަދަލު ކުރާތީ އެ އިދާރާއިންދޭ ގިނަ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އެ މިނިސްޓްރީ ބަދަލުކޮށްފައިވަނީ ހުޅުމާލޭގައި އިއްޔެ ރަސްމީކޮށް ހުޅުވި އުމަރު ޒާހިރު އޮފީސް އިމާރާތަށެވެ. ޓްރާންސްޕޯޓު މިނިސްޓްރީ ހިންގާނީ އެ އިމާރާތުގެ ތިން ވަނަ ފަންގިފިލާގައި އެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ބަދަލު ކުރުމުގެ މަރުހަލާގައި ޓްރާންސްޕޯޓުގެ ސާވާ މެދުކަނޑާލަން ޖެހޭ ކަމަށެވެ. ހިދުމަތް މެދުކަނޑާލަން ނިންމާފައިވަނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހާއި ހަމައަށެވެ.
ޓްރާންސްޕޯޓުން ބުނީ އެ މުއްދަތުގައި ހަމައެކަނި ލިބޭނީ އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ހިދުމަތް އެކަނި ކަމަށެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ މިހާތަނަށް ހިންގަމުން އައީ ސްޓާރ ކްލައުޑް އިމާރާތުގައި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ އިތުރުން ޖެންޑާ މިނިސްޓްރީވެސް ވަނީ އުމަރު ޒާހިރު އޮފީސް އިމާރާތަށް ބަދަލުކޮށްފައި އެވެ.
މި އިމާރާތަކީ ސަރުކާރު އޮފީސްތައް ހިންގަން އަމިއްލަ މީހުންގެ ތަންތަން ކުއްޔަށް ހިފަން ޖެހުމުން ކުރަން ޖެހޭ ހަރަދު ސަލާމަތް ކުރުމަށް އެޅި އިމާރާތެކެވެ. މި އިމާރާތުގެ މަސައްކަތް ފެށީ2019 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް