މިއަންމާގައި ވެރިކަން ކުރާ އަސްކަރިއްޔާގެ ލީޑަރުންނަށް ތާއީދު ކުރާ އާންމު ރައްޔިތުންނަށް ބަޑި ގެންގުޅުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
މިއަންމާގެ ވެރިކަމަށް އަސްކަރިއްޔާއިން އެރީ އެ ގައުމުގައި އޮތް އަންސަން ސޫޗީގެ ޑިމޮކްރެޓިކް ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ފަހު އެވެ. އަސްކަރިއްޔާއިން އެ ގައުމުގައި ވެރިކަން ކުރާތާ މިމަހުގެ އެއް ވަނަ ދުވަހަށް ވަނީ ދެ އަހަރު ވެފައި އެވެ.
މިއަންމާގެ އެތެރޭގެ ހަބަރުތައް ހޯދުމަކީ ބައިނަލްއަގުވާމީ މީޑިއާއަށް ވަރަށް އުނދަގޫ ކަމެކެވެ. ރިޕޯތުތައް ބުނާގޮތުގައި އަސްކަރިއްޔާއަށް ވަފާތެރި މީހުންގެ ތެރެއިން ބަޑި ގެންގުޅެން ބޭނުންވާ މީހުން ލައިސެންސަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި އެވެ.
އެގޮތަށް ހަމަޖެއްސީ އަސްކަރިއްޔާ އާއި ދެކޮޅަށް ހަމަލާ ދިނުމަށް އެ ގައުމުގައި އުފެދެމުންދާ ހަނގުރާމަވެރި ގްރޫޕުތަކާއި ދެކޮޅަށް ދިފާއުވާން ބޭނުން ކުރަން ކަމަށްވެ އެވެ.
މި ހުއްދަ ދެނީ 18 އަހަރުން މަތީގެ މީހުންނަށެވެ. ހުއްދައަށް އެދޭފަރާތަކަށް ބަޑި ގެންގުޅެން ނޭނގޭނަމަ އަސްކަރިއްޔާއިން އެ ތަމްރީންތައްވެސް ދޭނެ އެވެ.
މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރާގޮތުގައި މި ހުއްދައިގެ ސަބަބުން މިއަންމާގެ އާންމުންގެ މެދުގައި އިތުރު ބައިބައިވުން އުފެދި، ހަމަނުޖެހުންތައް އިތުރުވާނީ އެވެ. އެކަމަކު މި ހުއްދަދޭން ސަރުކާރަށް މަޖުބޫރުވެފައިވާ ކަމަށާއި އެއީ މި ފަހުން ސަރުކާރަށް ވަފާތެރި އިސް މީހުންނާއި އާންމުން ދިރިއުޅޭ ގޭގެއަށް ހަނގުރާމަވެރި ގްރޫޕުތަކުން ދުރާލާ އެންގުމަކައި ނުލައި ގޮސް އެމީހުންގެ ގަޔަށް ބަޑި ޖަހައި މަރާލާފައިވާތީ އެވެ.
މިއަންމާ އަސްކަރީ ސަރުކާރުން ދަނީ އެމީހުންނާއި ދެކޮޅުވާ ކޮންމެ މީހަކު ހައްޔަރުކޮށް ތަފާތު ދައުވާތަށް އުފުލައި ޖަލަށް ހުކުމް ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި މިހާރުވެސް އެ ގައުމުގެ ޖަލުތަކުގައި އެފަދަ 10،000 އަށްވުރެ ގިނަ ސިޔާސީ ކުށްވެރިން އެބަތިއްބެވެ.
މީގެ އިތުރުން ވެރިކަން ވައްޓާލި ދުވަހުން ފެށިގެން އަސްކަރިއްޔާއިން ވަނީ ސޫޗީ އާއި އޭނާއަށް ވަފާތެރި ގިނަ ބަޔަކު ހައްޔަރުކޮށް ދައުވާ އުފުލާފައި އެވެ. އެގޮތުން މިހާރުވެސް ފަސް ދައުވާއެއް ސޫޗީގެ މައްޗަށް ސާބިތުކޮށް 15 އަހަރުގެ ޖަލު ހުކުމް އިއްވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް