އިޢާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ ނިޒާމެއް ގުޅީފަޅުގައި ޤާއިމުކުރުމަށް، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި ޖަޕާނުގެ ހިޓާޗީ ޒޯސެން ކޯޕަރޭޝަން އަދި ރިނިއުބަލް އެނަރޖީ މޯލްޑިވްސް އާއި އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޙަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ އަދި ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޓަކެއުޗީ މިޑޮރީ އެވެ. އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން މިފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙު އެވެ. ހިޓާޗީ ޒޯސެން ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މިޔާގީ ޓައިޔޯ އެވެ. އަދި ރިނިއުބަލް އެނަރޖީ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާރމަން ޑޮކްޓަރ އިބްރާހިމް ނާޝިދް އެވެ.
އެމްޑަބްލިއުއެސްސީން މައުލޫމާތުދެއްވާގޮތުގައި މިފަހުމުނާމާގެ ދަށުން ގުޅީފަޅުގައި އިޢާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމެއް ޤާއިމްކުރުމުގެ މަޝްރޫއެއް ހިންގުމަށް މަގުފަހިވެގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން، ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ އާރ.އޯ ޕްލާންޓެއް ބެހެއްޓުމާއި، 500 ކިލޯވޯޓްގެ ސޯލާ ޕީވީ ސިސްޓަމެއް ބެހެއްޓުމާއި އަދި 1,450 ކިލޯވޯޓް ޕަރ އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލުކުރުން ހިމެނެއެވެ. އިޢާދަކުރުވަނިވި ހަކަތަ މެދުވެރިކޮށް ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ މިމަޝްރޫޢުއަކީ ޖަޕާނުގެ ސަރުކާރާއި ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަރ ފައުންޑޭޝަން އާއި ހިޓާޗީ ޒޯޝެން އަދި ރިނިއުބަލް އެނަރޖީ މޯލްޑިވްސް އިން ފަންޑް ކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.
ދިވެހި ސަރުކާރުން 2030 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ "ކާބަން ނެޓް ޒީރޯ އެމިޝަންސް" ކުރުމަށް އަމާޒު ހިފާފައިވާއިރު، އިޢާދަކުރުވަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްމަންޓް ކުރުމަކީ މުހިންމުކަމެކެވެ. މިމަޝްރޫޢުގެ ސަބަބުން ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ޚިދުމަތް ފޯރިކޮށްދިނުމުގައި އަދި އޮޕަރޭޝަން ތަކުގައި އިޢާދަކުރެވޭ ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރު ކުރުމާއިއެކު ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތަޢާރަފްކޮށް އީޖާއީ ކުންފުންޏަކަށްވުމަކީ އެމްޑަބްލިއެސްސީގެ އަމާޒުކަމުގައި އެ ކުންފުނިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް