ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ޗެލްސީ ބަލިކުރިއިރު، ބެލްޖިއަމްގެ ކްލަބް ބްރޫޖް އާއި ދެކޮޅަށް ކުޅުނު މެޗުން ބެންފީކާ މޮޅުވެއްޖެ އެވެ.
ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން އެޓީމުއަތުން ޗެލްސީ ބަލިވީ 0-1 ގެ ނަތީޖާއިންނެވެ. އަދި ކުލަބް ބްުރޫޖްގެ ދަނޑުގައި ކުޅުނު މެޗުން ބެންފީކާ މޮޅުވެފައިވަނީ 0-2 ގެ ނަތީޖާއިންނެވެ.
ރޭ ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުވެސް ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ.
މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނިޓްގައި ޑޯޓްމަންޑުން ކާމިޔާބު ކުރިއިރު، އެޓީމަށް މި ލަނޑު ޖަހައިދިނީ ކަރީމް އަޑޭމީ އެވެ. މިއީ ޑޯޓްމަންޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި އެޓީމުން ޖެހި ލަނޑެކެވެ.
ކްލަބް ބްރޫޖު އަދި ބެންފީކާ ބައްދަލުކުރި މެޗުގައި ވެސް ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ބެންފީކާއިން މެޗުގައި ލީޑު ނެގި ލަނޑު ޖަހާފައިވަނީ ދެވަނަ ހާފު ފެށިގެން 51 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ގޯލުގެތެރެއަށް ވައްދާލައިގެން މި ލަނޑު ޖަހައިދިނީ ޖާއޯ މާރިއޯއެވެ. މި ޕެނަލްޓީ އަކީ ބެންފީކާގެ ފޯވާޑް ގޮންޒާލޯ ރާމޯސް އަށް ބްރޫޖްގެ ޖެކް ހެންޑްރީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ބެންފީކާގެ ދެވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ޖަހައިދިނީ ނެރޭސް އެވެ.
މި ނަތީޖާތަކާއި އެކު މުބާރާތުގެ ކުއާޓާއަށް ދިއުމަށް ޗެލްސީއާއި ކުލަބް ބްރޫޖްއަށް ވަނީ ހުރަސްތަކާއި ކުރިމަތިވެފައެވެ. އަދި ދެވަނަ ލެގުގައި ޗެލްސީއާއި އެއްވަރުކޮށްލައިގެންވެސް ޑޯޓްމަންޑަށް ކުއާޓާ އަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އަދި ބެންފީކާއަށް ވެސް ހަމަ މި ފުރުސަތު އޮތީ ތަނަވަސްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް