މަރު ކޮމިޝަނަށް ރިސާޗް އޮފިސަރެއް ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި

ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ތަހުޤީގު ކުރާ ކޮމިޝަނަށް ސީނިއާ ރިސާޗް އޮފިސަރެއް ހޯދަން އަނެއްކާވެސް އިއުލާނުކޮށްފިއެވެ. މިއީ މަރު ކޮމިޝަނަށް ރިސާޗް އޮފިސަރެއް ހޯދަން އިއުލާނު ކުރި ދެވަނަ ފަހަރެވެ....

16 Feb 2022 | 18:04

ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ތަހުޤީގު ކުރާ ކޮމިޝަނަށް ސީނިއާ ރިސާޗް އޮފިސަރެއް ހޯދަން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.

މިއީ މަރު ކޮމިޝަނަށް ރިސާޗް އޮފިސަރެއް ހޯދަން އިއުލާނު ކުރި ދެވަނަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އޭނާގެ މައިގަނޑު މަސްއޫލިއްޔަތަކީ މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން ރިސާޗް ހެދުމާއެކު، މައްސަލަތަކުގެ ރިޕޯޓް ތައްޔާރުކޮށް ކަމާ ގުޅޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވާ ބާއްވަންޖެހޭ ބައްދަލުވުންތައް އިންތިޒާމުކުރުމެވެ.

މީގެ އިތުރުން ބައްދަލުވުންތަކުގެ ޑޭޓާބޭސް ސެޓްއަޕްކޮށް ބަލަހައްޓައި މެނޭޖްކުރުމާއި ޔައުމިއްޔާ ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި މަސައްކަތް ކުރިއަށްދާ ގޮތް ބެލެހެއްޓުން ހިމެނެއެވެ.

އަދި މި މަޤާމަށް ހޮވޭ ފަރާތަކަށް 6،295 ރުފިޔާ އަދި ސާވިސް އެލަވެންސްގެ ގޮތުގައި 2،000 ރުފިޔާ އާއި ހާއްސަ އެލަވެންސްގެ ގޮތުގައި 2،832 ރުފިޔާއާ އެކު ޖުމްލަ 11،127 ރުފިޔާ ލިބޭނެއެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތަރެއްގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ހަ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ފަހެއްގެ ސަނަދެއް ހާސިލްކޮށްފައިވުމާ އެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ތިން އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހެއެވެ.

މީގެއިތުރުން އެ މަޤާމަށް ހޮވޭ ފަރާތަކީ ރިސާޗް ކުރުމާއި އެނަލިޓިކަލް ރިސާޗް ރިޕޯޓްތަކާއި ބްރީފްތައް ތައްޔާރުކުރުމާއި، އަމިއްލައަށް މަސައްކަތްތައް ރާވާ ހިންގުމުގެ ޤާބިލުކަންހުރި މީހަކަށް ވާންޖެހެއެވެ. އަދި މުވައްޒަފުންނާ ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގާބިލްކަން ހުރި، ފަރިތަކަމާއެކު ދިވެހި،އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި ލިޔުމުގެ ގާބިލުކަން ހުރި ފަރާތަކަށް ވާންޖެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް