ބޯޑަރު ކައިރީ ތިބި ރަޝިއާގެ އެއް ލައްކަ ސިފައިންގެ އެކަކު މަދުވިހެންވެސް ހީނުވޭ: ނޭޓޯ

ޔޫކްރެއިން އާއި ރަޝިއާ ބޯޑަރު ސަރަހައްދަށް ޖަމާވެތިބި ރަޝިއާ ސިފައިންގެ އެންމެ މީހަކުވެސް މަދުވިހެން ހީނުވާ ކަމަށް ނޭޓޯއިން ބުނެފި އެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ބޭއްވި ނޫސްވެރ...

16 Feb 2022 | 17:58

ޔޫކްރެއިން އާއި ރަޝިއާ ބޯޑަރު ސަރަހައްދަށް ޖަމާވެތިބި ރަޝިއާ ސިފައިންގެ އެންމެ މީހަކުވެސް މަދުވިހެން ހީނުވާ ކަމަށް ނޭޓޯއިން ބުނެފި އެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރަޝިއާގެ އެންމެ ސިފައިންގެ މީހަކު އަދި އެންމެ އަސްކރީ އުޅަނދެއްވެސް އެ ސަރަހައްދުން މަދު ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ވާހަކަ އަކީ ރަޝިއާއިން ނޭޓޯއަށް ލިބެމުންދާ ސިއްރު މައުލޫމާތާއި ސެޓެލައިޓް ފޮޓޯތަކުގެ އަލީގައި ބުނާ ވާހަކަތަކެއް ކަމަށެވެ. އަދި ވިދާޅުވީ އިއްޔެ ހަނގުރާމަ ފަށާނެ ކަމަށް ބެލެވިފައި ވަނިކޮށް ކުއްލިއަކަށް ސިފައިންނާއި ބަރު ހަތިޔާރު އެ ސަރަހައްދު ދޫކޮށް ގެންދަން ފަށާފައިވާ ކަމަށް އެ ގައުމުން ބުނުމުން ގަބޫލު ކުރަން ދަތިކަމަށެވެ.

އޭނާ ވިދާޅުވީ ރަޝިއާއިން ކޮންމެ ވަގުތެއްގައިވެސް ފިނި ހަނގުރާމަ ފަށާފާނެ ކަމަށް އަދިވެސް ގަބޫލު ކުރެވޭ ކަމަށެވެ.

އިތުރަށް ވިދާޅުވީ ނޭޓޯއިން އަދިވެސް އޮތީ ރަޝިއާ އާއި އެ ޖަމާއަތާއި ގުޅިފައިވާ ގައުމުތަކުގެ އިތުރުން ޔޫކްރެއިންނާއި އެކު އެއް މޭޒެއްގައި އިށީނދެ މައްސަލަ ހައްލު ކުރުމަށް ވާހަކަދެއްކުމަށް ތައްޔާރަށް ކަމަށެވެ. އަދި ރަޝިއާއަށްވެސް އެންމެ ރަނގަޅު އަދި އިހުލާސްތެރި ގޮތަކީ ހަނގުރާމަ ނުފަށާ މަޝްވަރާ ކުރުން ކަމަށް ވިދާޅުވި އެވެ.

ޔޫކްރެއިންއަށް ހަމަލާ ދިނުމަށް ރަޝިއާގެ ބޯޑަރު ސަރަހައްދުގައި ލައްކައަކަށްވުރެ ގިނަ ސިފައިން ރަޝިއާއިން ބައިތިއްބާފައި އެބަތިއްބެވެ. ރަޝިއާ އަސްކަރިއްޔާއިން ބުނީ އެ ސިފައިންނަކީ ހަނގުރާމައެއް ކުރުމަށް އެތަނަށް ޖަމާވެ ތިބި ބައެއް ނޫން ކަަމަށާއި އެތަނުގައި ރަޝިއާ ސިފައިން ހަދަމުންދަނީ ތަމްރީން ތަކެއް ކަމަށެވެ.

އަދި އެ ތަމްރީންތަކުގެ ތެރެއިން ބައެއް ސިފައިން އިއްޔެއިން ފެށިގެން އަސްކަރީ ބޭސްތަކަށް ގެންދަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް