އާރަށް މައްސަލާގައި ޔޫސުފް ނައީމް ކުރާ ދައުވާތަކަށް އިންކާރު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާ ވ. އާރަށް މައްސަލާގައި ކުރާ ދައުވާއަށް އޭނާ އިންކާރު ކުރައްވައިފިއެވެ. ދައުލަތުން ވަނީ ޔޫސުފް ނައީމްގ...

16 Feb 2022 | 11:34

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާ ވ. އާރަށް މައްސަލާގައި ކުރާ ދައުވާއަށް އޭނާ އިންކާރު ކުރައްވައިފިއެވެ.

ދައުލަތުން ވަނީ ޔޫސުފް ނައީމްގެ މައްޗަށް  ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު ދެއްވި ކަމަށް ބުނެ ދައުވާ އުފުލާފައެވެ.

މިއަދު މިމައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވުމުން އޭނާ ވަނީ، ކުރާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ސާފުވާ ކަމަށާއި ދައުވާއަށް އިންކާރު ކުރާ ކަމަށް ވިދާޅުވެފައެވެ.

ދައުވާއަށް އިންކާރު ކުރަމުން ޔޫސުފް ނައީމްގެ ވަކީލު ވިދާޅުވީ، ދައުވާގައި ހިމެނޭ ދެ މުއާމަލާތާއި ވެސް ޔޫސުފް ނައީމްއާއި ގުޅުވޭނެ ގޮތެއް ނެތް ކަމަށާއި، އެކަން ކޯޓުގައި ސާބިތު ކޮށްދޭނެ ކަމަށެވެ. އަދި ޔޫސުފް ނައީމްގެ ވަކީލުން ވަނީ ދައުލަތުން ހެކި ހުށައެޅުމުން ދިފާއުން ހެކި ހުށައެޅުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިފައެވެ.

އެހެން ނަމަވެސް މިކަމާއި ގުޅިގެން މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ އަންނަ މަހުގެ ހަ ވަނަ ދުވަހު މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށެވެ.

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައިވެސް ރައީސް ޔާމީންގެ ވަކީލުން ވަނީ މި ޝަރީއަތް ލައިވް ކޮށްގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ.

އެކަމާއި ގުޅިގެން ގާޒީ ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން ތަކުރާރުކޮށް ޝަރީއަތް ލައިވް ކޮށްގެން ކުރިއަށް ގެންދަން އެދެމުން އަންނަ ކަމަށާއި، އެމަސައްކަތް ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ގާޒީ ވިދާޅުވީ ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާއިރު، ޝަރީއަތް ލައިވް ކޮށްގެން ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް