ހުޅުމާލެ ބީޗްސައިޑުން ދޫކުރާ 34 ގޯތި ގަތުމަށް 180 ފަރާތަކުން ކުރިމަތިލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑް ސަރަޙައްދުން ދިރިއުޅުމުގެ ބޭނުމަށް ބީލަން އުސޫލުން ގޯތި ގަތުމަށް 180 ފަރާތަކުން ކުރިމަތިލާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެ...

16 Feb 2022 | 11:22

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑް ސަރަޙައްދުން ދިރިއުޅުމުގެ ބޭނުމަށް ބީލަން އުސޫލުން ގޯތި ގަތުމަށް 180 ފަރާތަކުން ކުރިމަތިލާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

މިއަދު ހެނދުނު 9:00އިން 12:00 ޖެހުމާއި ހަމައަށް ބީލަން ފޯމު ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 180 މިހަކު ފޯމު ހުށައަޅާފައިވާކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އަދި މެންދުރު 13:00އިން ފެށިގެން ބީލަން ފޯމު ހުޅުވާ ޢިއުލާންކުރުން މިހާރު ކުރިއަށް ދާކަމަށްވެސް އެޗްޑީސީއިން ހާމަކުރެއެވެ.

އެޗްޑީސީން ބުނީ މި ގޯތިތައް ވިއްކާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ. އަދި ބިންތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ ހުށަހަޅަންޖެހޭނެކަމުގައި އެޗްޑީސީން ހާމަކުރެއެވެ.

އެޗްޑީސީން ވަނީ ބީޗް ފްރަންޓް ނުވަތަ އަތިރިމައްޗަށް ވާ ގޮތަށް 26 ގޯތި އަދި ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން 34 ގޯތި ވިއްކަން ނިންމާފައެވެ.

އެޗްޑީސީން މީގެ ކުރިން ބުނީ ހުޅުމާލެއިން ވިއްކަނީ 1603.7 އަކަފޫޓާއި 2633.82 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށެވެ.

އަދި އަގަށް ބަލާއިރު ބީޗް ފްރަންޓު ޕްލޮޓުތަކުގެ އަގު، ކުރިއެކޭ ވެސް އެއްގޮތަށް، ބީޗް ސައިޑްގެ ޕްލޮޓުތަކަށް ވުރެ ބޮޑުކަން ފާހަގަކޮށްލެވެއެެވެ.

މީގެ އިތުރުން ޖީއެސްޓީ ނުހިމަނައި، ބީލަމަށް ހުށަހެޅޭނެ އެންމެ ދަށް އަގުތަކަކީ ބީޗް ފްރަންޓަށް އަކަފޫޓަކަށް -/3900 ރުފިޔާ އަދި ބީޗް ސައިޑަށް އަކަފޫޓަކަށް -/3500 ރުފިޔާއެވެ. މި އަގުން ބަލާ ނަމަ ބީޗް ސައިޑުން 1603 އަކަ ފޫޓުގެ ބިމަކަށް 5.6 މިލިއަން ރުފިޔާ އަދި ބީޗް ފްރޮންޓްގެ އެ ވަރުގެ ބިމަކަށް 6.2 މިލިއަން ރުފިޔާ އަރައެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް