ތަރައްޤީ ގެނައުމުގައި ރާއްޖޭގެ ޖަޒީރާވަންތަކަން ނުގެއްލޭގޮތަށް ރާއްޖޭގެ ވެއްޓާ ގުޅޭނެފަދަ ކޮންސެޕްޓްތައް ރައްޔިތުންނަށް ވިސްނައިދިނުމަކީ މިއަދު ކުރަންޖެހިފައިވާކަމެއްކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގައި މިއަދު ކުރިޔަށް ދިޔަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގައި ވިލިނގިލީ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނުނެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ތާރުއެޅުމަކީ ގުދުރަތީގޮތުން ރާއްޖެއަށް ލިބިފައިވާ ރީތިކަން ނެތިދާފަދަ ކަމެއްކަމަށެވެ. އެގޮތުން އަސްލަމް ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމަކުން ރައްޔިތުންނަށް ބޭނުންވާ ފެން ފޯރުކޮށްދެވިދާނެކަމަށެވެ.
އެކަމަކު މިވެއްޓަށް އަދި ގަސްގަހާގެއްސަށްވެސް ފެން ބޭނުންވާކަމަށާއި، ތާރުއަޅާ ހިސާބުން ރަށަށް ވެހޭހާ ފެން ޑްރެއިން ސިސްޓަމް ހަރުކޮށް ރަށުން ބޭރަށް ފޮނުވާލެވެނީކަމަށް އަސްލަމް ވިދާޅުވިއެވެ.
ރަށްރަށުގައި ތާރުއެޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ ދޮންވެލި ޖަޒީރާ ރަށްތަކުގެ މަގުތަކުގައި ތާރުއަޅައިގެން ހެދުމުގެ ބަދަލުގައި މަގު ހަދަންޖެހެނީ އެރަށެއްގެ މަގުތައް ބޭނުންކުރެވޭ ގޮތަށް ބެލުމަށްފަހުކަން ރައްޔިތުންނަށް މިއަދު ބުނެދޭންޖެހޭކަމަށެވެ. އެގޮތުން ކުދިކުދި ރަށްތަކުންވެސް މަގުތަކުގައި ތާރުއެޅުމަށް ޑިމާންޑުކުރުމަކީ ރާއްޖޭގެ ޖަޒީރާވަންތަކަން ގެއްލިދާނެ ކަމެއްކަމުގެ ކަންބޮޑުވުން މިނިސްޓަރ އަސްލަމްވަނީ ފާޅުކުރައްވާފައެވެ.
މިއީ ގިނަ ބަޔަކު އަޑުއަހަން ބޭނުންވާ ވާހަކައެއް ނޫންނަމަވެސް މިއީ މިވާހަކަތައް ދައްކަންވީ ދަނޑިވަޅުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް