އިންޑިއާގެ މުމްބާއީ މަގުން ރާއްޖެއަށް ޑުރަގް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި 50 އަހަރުގެ ދިވެހި އަންހެނަކު އިންޑިއާގައި ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ނޫހުގައި ބުނެފައިވާ ގޮތުން، ހައްޔަރު ކޮށްފައިވަނީ އާމިނަތު ރަޝީދާ ނަމަކަށް ކިޔާ ދިވެހި އަންހެނެއްކަމަށެވެ. މީނާ ހައްޔަރުކުރީ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ މުމްބާއީ މަގުން ރާއްޖެއަށް ހަތަރު ކިލޯގެ އޮޕިއަމް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
އެ ނޫހުގައި އިތުރަށް ބުނީ، ރަޝީދާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ތަހުގީގު ކުރަން ފެށި އޮޕިއަމް އެތެރެކުރަން އުޅުނު މައްސަލައެއްގެ ތެރެއިން ކަމަށެވެ. އެ މައްސަލައަކީ މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު މުންބާއީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެމްއައިޑީސީ ޕޯސްޓް އޮފީހަށް ގެނެސްފައިވާ ޕާރުސަލެއްގެ ތެރެއިން 3.9 ކިލޯގެ އޮޕިއަމް ފެނުނު މައްސަލައެކެވެ.
މުމްބާއީ ފުލުހުން ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން ރަޝީދާގެ ބަންދަށް ތިން ދުވަހުގެ ޓްރާންސިޓް ބަންދެއް ޖަހާފައިވާ އިރު، މިއަދު މުމްބާއީއަށް އޭނާ ގެންދާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް