އެހެން ސޯޝަލް މީޑިއާ އެޕްލިކޭޝަން ތަކާއި ހިލާފަށް ޓެލެގްރާމް އަކީ ސިއްރު ހިފަހައްޓާ، މީހުންގެ މައުލޫމާތުތައް ލީކުވިޔަ ނުދީ ހިފެހެއްޓުމަށް ސެކިއުރިޓީ ފީޗާސްތައް ވަރުގަދަ އެޕެކެވެ.
ސިޔާސީ ފަރާތްތަކާއި ގައުމުތަކުގެ ސަރުކާރުތަކާއި ގިނަ އޮގަނައިޒޭޝަންތަކުންވެސް ޓެލެގްރާމްގެ ސެކިއުރިޓި ވަރުގަދަ ކަމުން މިދިޔަ ތިން އަހަރު ތެރޭ އެ އެޕް ބޭނުން ކުރަން ފަށާފައިވެ އެވެ. އެގޮތުން އެ އެޕް ބައި ބިލިއަން މީހުން ބޭނުން ކުރާއިރު މިދިޔަ އަހަރުގެ ޖުލައި މަހު އެކަނިވެސް ސޯޝަލް މީޑިއާ އެޕް ވަޓްސްއެޕް ދޫކޮށް މިލިއަނަކަށްވުރެ ގިނަ މީހުން ޓެލެގްރާމް ބޭނުން ކުރަން ފަށާފައިވެ އެވެ.
އެކަމަކު މިހާރު ޓެލެގްރާމަށް ދިމާވެފައިވަނީ އެހެން މައްސަލަ އެކެވެ. މީހުންގެ ތައުރީފު ކުރިން ލިބެމުންއައި ޓެލްގްރާމަށް ދުނިޔޭގެ އެކި ގައުމުތަކުން ދަނީ ނުރުހުން އަމާޒުކޮށް މި އެޕް ބޭނުން ކުރުން ހުއްޓާލަން ގޮވާލާ އަޑު ގަދަވެފައި އެވެ.
ޓެލެގްރާމްގެ މައްސަލައަކަށް ވެގެން އުޅެނީ އަންހެނުންނާއި އަންހެން ކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ލީކު ކުރުން ނުހުއްޓުވާ މައްސަލަ އެވެ. ޓެރަރިޒަމް އާއި ނަސްލީ ތަފާތު ކުރުން ފަދަ ކަންކަމާއި ގުޅޭ ޕޯސްޓުތައް ޓެލެގްރާމަށް އަމިއްލައަށް ފެނިގެންނާއި މީހުން ރިޕޯޓުކޮށްގެން ޑިލީޓްކޮށްލަ އެވެ. އަދި އެ ޕޯސްޓު ކުރާ ޔޫސާއެއްގެ އެކައުންޓު ޑީއެކްޓިވޭޓް ކުރެ އެވެ.
އެ ކުންފުންޏަށް ނުބެލެހެއްޓިގެން އުޅެނީ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އެ އެޕްގައި ޝެއާ ކުރާ ކުރުމެވެ. އެތައް އާންމު ގްރޫޕުތަކެއް ހަދައިގެން އަންހެން ކުދިންނާއި އަންހެނުންގެ ބަރަހަނާ މަންޒަރުތައް އާންމު ކުރަމުންދާއިރު އެކަން އެމީހުންނަށް އެންމެ އެދެވޭ ގޮތުގައި ނުބެލެހެއްޓޭކަމަށް ޓެލެގްރާމްގެ މުވައްޒަފުން އެއްބަސްވެ އެވެ.
ބީބީސީއަށް ދީފައިވާ އިންޓަވިއުއެއްގައި ޓެލެގްރާމްގެ މުވައްޒަފަކު ބުނެފައިވަނީ އޮޓޯ މެސެޖުގެ ގޮތުގައި އަންނަ ކޮންޓެންޓު ޑިލީޑްކޮށް ނުވަތަ ޔޫސާ ޑިލީޓު ކުރަން އެދޭ މެސެޖުތައް ގިނަ ފަހަރު ބެލުމެއް ނެތި "ސްޕާމް" ކޮށްލަނީ ކަމަށެވެ. އަދި ކަސްޓަމަރުން ކުރާ ޕޯސްޓުތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ބުނެފައިވެ އެވެ.
ބީބީސީން ވަނީ ހަމައެކަނި ޓެލެގްރާމްގައި ބަރަހަނާ މަންޒަރުތައް ލީކުވުން އިތުރުވެފައިވަނީ ކީއްވެތޯ ބެލުމަށް ތަހުގީގުކޮށްފަ އެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންގެ ތެރެއިން އެމީހުންގެ ތަހުގީގުގައި ބައިވެރިވި އަންހެނުން ޓެލެގްރާމަށް ކުރި ރިޕޯޓަށް ދެމަސްވީ އިރުވެސް ޖަވާބު ދީފައި ނުވާއިރު އެ އަންހެނުންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އާންމު ކުރި މީހުންގެ އެކައުންޓުތައް ޑީއެކްޓިވޭޓު ކޮށް ނުވަތަ އެ ވީޑިއޯ އާއި ފޮޓޯ ރިމޫވްވެސް ކޮށްފައި ނުވާ ކަމަށެވެ.
ބީބީސީގެ ރިޕޯޓަރުން ވަނީ ޓެެގެގްރާމްގައި އަންހެނުންގެ ބަރަހަނާ މަންޒަރުތައް އާންމު ކުރާ އެކި ގައުމުތަކުގެ ސައިޓުތަކަށް ވަދެ އެ ގްރޫޕުތައް ހިނގާ ގޮތް ބަލާފަ އެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ބައެއް ގްރޫޕުތަކުގެ އެޑްމިންއިން އެފަދަ ފޮޓޯތައް ހިއްސާ ކުރާ ޔޫސާސްތަކަށް ވަކިން މެސެޖުކޮށް ފޮޓޯ އާއި ވީޑިއޯ ހިއްސާ ކޮށްދިނުމަށް އެދުމަށް ފަހު އެމީހެއްގެ މައުލޫމާތު ސިއްރުކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކޮންޓެންޓުތައް އާންމު ކުރުން އިތުރުވާތީ އިންޒާރެއްގެ ގޮތުން މީގެ ކުރިން އެޕަލްއިން ވަގުތީ ގޮތުން ޓެލެގްރާމް އެޕް ރިމޫވްކުރި އެވެ. އޭގެ ފަހުން ޓެލެގްރާމުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގުޅޭ ކޮންޓެންޓުތައް ޕޯސްޓު ކުރާ ޔޫސާސްތަކާއި ޕޯސްޓުތަކަށް ސަމާލުކަންދޭވަރު އތުރުވެފައިވެ އެވެ.
މިފަދަ ޗެނަލްތައް އެންމެ ގިނައިން ހިންގާ ގައުމުތަކުގެ ގޮތުގައި ފާހަގަވެފައިވަނީ ރަޝިއާ، ބްރެޒިލް، ކެންޔާ އަދި މެލޭޝިއާގައި އެވެ. މި ރިޕޯޓު ހަދާފައިވަނީ18 ޓެލެގްރާމް ޗެނަލް އަދި24 ގްރޫޕަކުން ހޯދާފައިވާ މައުލޫމާތުތަކުގެ މައްޗަށް ބަލައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް