އަކަފޫޓަކަށް 10 މިލިޔަން އެއީ އޮޅުމެއްކަމަށް ނިންމައި ބިޑު ޑިސްކޮލިފައިކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓްން ވިއްކާ 26 ގޯއްޗަށް ހުށަހެޅި ބީލަންތަކުގެ ތެރެއިން އޮޅިގެން އަކަފޫޓެއް 10 މިލިއަން ރުފިޔާ އަށް ގަންނަން ޖެހުނީ އޮޅުމަކުން ކަމަށް އެޗްޑީސީން ނިންމައި އެފަރާތ...

16 Feb 2022 | 07:21

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓްން ވިއްކާ 26 ގޯއްޗަށް ހުށަހެޅި ބީލަންތަކުގެ ތެރެއިން އޮޅިގެން އަކަފޫޓެއް 10 މިލިއަން ރުފިޔާ އަށް ގަންނަން ޖެހުނީ އޮޅުމަކުން ކަމަށް އެޗްޑީސީން ނިންމައި އެފަރާތުގެ ބީލަން ޑިސްކޮލިފައި ކޮށްފިއެވެ.

ރާއްޖޭގެ އޮންލައިން މީޑިއާ އެއް ކަމަށްވާ "މިހާރު" ނޫހަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް "އެއީ ޖެނުއިން މިސްޓޭކެއް" ކަމަށް ނިންމައި އެ ބީލަށް ހުށަހެޅި އިބްރާހިމް މާޖިދު ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހެޅި 320،000ރ. ކްލެއިމް ނުކުރާތީ، ބީޗް ސައިޑްގެ ބީލަމަށް ކުރިމަތިލުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑުން ބިން ގަންނަން ބޭނުންވާ މީހުން ބީލަން ހުށަހެޅުން މިއަދު ކުރިއަށް ގެންދާއިރު ބީލަން ކެނޑުން މެންދުރު 13:00 ފެށިގެން ހ. މީރުމާގެ ފަސްވަނަ ފަންގިފިލާގައި އޮންނާނެއެވެ.

ބީޗް ފްރަންޓުން ކާމިޔާބުކުރި ބީލަންތައް އެވްރެޖްކޮށް އުޅެނީ އަކަފޫޓެއް 6،000ރ. އާއި 10،000ރ. އާ ދެމެދުގަ އެވެ. އެންމެ ކުޑަ އަގަކުން ބީލަން ކާމިޔާބު ކުރި މީހާ ހުށަހެޅީ އަކަފޫޓަކަށް 6،000ރ. އެވެ.

އަދި މީގެ ތެރެއިން ވިޔަފާރިވެރިޔާ މާޖިދު، އަކަފޫޓަކަށް 10 މިލިއަން ބީލަން ފޯމުގައި ޖެހިފައި އޮތްއިރު އޭނާއަށް ވެސް އެ އަދަދު ޖަހާފައިވާކަން އެނގުނީ ބީލަން ކަނޑައި އެކަން އެޗްޑީސީގެ އޮފިޝަލުން އެތަނުގައި އިއުލާނު ކުރުމުންނެވެ. މާޖިދުގެ ބީލަން ކަނޑައި އިއުލާންކުރިއިރު، އެ ވަގުތު މާޖިދު އެ ތަނުގައި ނެތް ނަމަވެސް އެތައް ބައެއްގެ ފޯނުކޯލުުތަކާ އެކު، ބީލަން ކެނޑި މާލަމަށް ފަހުން ވަޑައިގެން ކަން ވީ ގޮތް މާޖިދު ވަނީ އެޗްޑީސީގެ އޮފިޝަލުންނަށް އޮޅުންފިލުވައި ދެއްވައިފައެވެ.

އެގޮތުން މާޖިދުގެ ބީލަން ޑިސްކޮލިފައި ކަމަށް އެޗްޑީސީން ނިންމީ އޭނާއާ ވެސް ބައްދަލުކޮށް، ކަން ވީ ގޮތް ސާފުކުރުމަށް ފަހު ކަމަށް އެޗްޑިސީން ހާމަކުރެއެވެ.

އަކަފޫޓަކަށް 10 މިލިއަން ރުފިޔާ ކަމަށް ބީލަން ފޯމުގައި މާޖިދަށް ޖެއްސެވުނީ މުޅި ބިމުގެ އަގުކަމަށް މަޢުލޫމާތު ލިބެއެވެ.  މި ރޭޓުން ބެލުމުން، އަކަފޫޓަކަށް ނުވަތަ 1 ފޫޓް 1 ފޫޓްގެ ބިންކޮޅަކަށް 10 މިލިއަން ކަމަށް ފޯމުގައި އޮތް އަގަކީ މުޅި ބިމުގެ އަގެވެ. އަދި މި ރޭޓުން އެއީ 2،000 އަކަފޫޓްގެ ބިމަކަށް 10 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް