ރޯދަމަހު ދުބާއީގައި ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް

ކުރިޔަށް އޮތް ފެށޭ ރޯދަ މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި ބާއްވާ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިއްޖެއެވެ. ކީރިތި ގުރުއާނާއި ބެހޭ މ...

16 Feb 2022 | 06:37

ކުރިޔަށް އޮތް ފެށޭ ރޯދަ މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި ބާއްވާ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިއްޖެއެވެ.

ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނީ 1443 ވަނަ އަހަރު ރަަމަޟާންމަހު 1 އިން 14 އަށް ދުބާއީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ޓިކެޓް ހަރަދާއި، ހުރުމުގެ ހަރަދު ޔޫއޭއީގެ ސަރުކާރުދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ކީރިތި ޤުރުއާން ހިތުދަސް ހާފިޒަކު ކަމުގައިވުމާއި، ތަޖްވީދުގެ ހުކުމްތަކާއެކު ޤުރުއާން ފުރިހަމައަށް ކިޔަވަން ދަންނަ މީހަކަށް ވުން ހިމެނެއެވެ.

މީގެ އިތުރުން ފިރިހެނަކު ކަމުގައިވުމާއެކު 16 އޭޕްރީލް 2022 ށް 25 އަހަރު ފުރިފައިނުވުން ހިމެނެއެވެ.

އަދި މި މުބާރާތުގައި މީގެ ކުރީގެ އަހަރެއްގައި ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ނުވުމުގެ އިތުރުން ދިވެހިރައްޔިތެއް ކަމުގައިވުން މި މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ޤުރުއާނާއި ބެހޭ މަރުކަޒުގެ އިއުލާނުގައި ބުނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު އަދި އައިޑީ ކާޑުގެ ކޮޕީ އާއި ޝަރުތު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް މި މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން އެ މަރުކަޒަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ދުބާއީ ޤުރުއާން މުބާރާތުގައި ބައިވެރިކުރާނެ ބައިވެރިއަކު ހޮވާނީ ޤުރުއާނާއި ބެހޭ މަރުކަޒުން އިމްތިހާނު ކުރުމަށްފަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް