ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ، އިންތިޚާބުގައި ދެ ދާއިރާއަކުން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ލިބިގެންވާކަމަށެވެ. އެ ދެ ދާއިރާއަކީ:
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ ދާއިރާ
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ ދާއިރާ
މިނިސްޓްރީން ބުނީ މި ދެ ދާއިރާ ނޫން އެހެން ދާއިރާތަކުން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް 2022 ފެބުރުވަރީ 16 ވާ ބުދަ ދުވަހުން ފެށިގެން،2022ފެބުރުވަރީ 19 ވާ ހޮނިހިރު ދުވަހުގެ 12:00ގެ ނިޔަލަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި މިދުވަސްތަކުގައި މިނިސްޓްރީގެ ކައުންޓަރުން ނުވަތަ އީމެއިލް ( [email protected] ) މެދުވެރިކޮށް ރީ-ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައުވާކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ ދާއިރާއިން މި މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވޯޓު ދިނުމުގެ ޙައްޤުލިބިފައިވާ 18 އަހަރުންމަތީގެ ފަރާތްތަކަށްކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ ދާއިރާއިން ވޯޓު ދިނުމުގައި ހައްޤުލިބިގެންވާ ކޮންމެ ފަރާތަކަށްވެސް ރީ-ރަޖިސްޓްރީކުރެވޭނެކަމައް އެ މިނިސްޓްރީން ބުނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv އިން ލިބެން ހުންނާނެކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިންތިހަބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2022 ފެބުރުވަރީ 24 ވާ ބުރާސްފަތި ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް