ޗެމްޕިއަންސް ލީގު: އެމްބާޕޭ ފަހު ވަގުތު ޖެހި ގޯލުން މޮޅުވެ ޕީއެސްޖީއަށް ކުއާޓާގެ އުންމީދު އާވެއްޖެ

ޗެމްޕިއަންސް ލީގުގެ ދެވަނަަ ބުރުގައި ރޭ ސްޕެއިންގެ ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ރެއާލް އާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ...

16 Feb 2022 | 05:42

ޗެމްޕިއަންސް ލީގުގެ ދެވަނަަ ބުރުގައި ރޭ ސްޕެއިންގެ ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރެއާލް އާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 1-0 ގެ ނަތީޖާއިންނެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނަސް ލަނޑު ޖަހަން ދެޓީމަށް ވެސް ވަނީ ފުރުސަތު ލިބިގެން ގޮސްފައެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވުނީ ރެއާލްގެ ގޯލާއި އަމާޒުކޮށް އެމްބާޕޭ ފޮނުވާލި ބާރު ހަމަލާއެވެ. އެމްބާޕޭ ފޮނުވާލި މި ހަމަލާގެ ހުރަހަކަށްވީ ކީޕަރު ތިބައު ކޯޓުއާ އެވެ. މި ހާފުގައި ރެއާލް އަށް ޕީއެސްޖީގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފަށް ކުޅެން އަރާ ޕީއެސްޖީން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކުރިއިރު، މެޗުގެ 62 ވަނަ މިނެޓުގައި ޕީއެސްޖީއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިގެން ގޮސްފައެވެ. ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެމްބާޕޭއަށް ކުރި ފައުލަކަށް ރެފްރީ ދިން މި ޕެނަލްޓީ ފޮނުވާލީ އިތުބާރު ފޯވަޑް ލިއޮންލެ މެސީއެވެ. ނަމަވެސް މެސީ ފޮނުވާލި މި ޕެނަލްޓީ ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފައެވެ.

ޕީއެސްޖީން އެޓީމު މޮޅުވި ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހުމަށް މަގުފަހި ކޮށްދިނީ މެޗުގެ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއް ގެ ގޮތުގައި ކުޅެން އެރި ނޭމާއެވެ. ނޭމާ ދިން ރީތި ޕާހަކުން ޕީއެސްޖީގެ މި ލަނޑު ކާމިޔާބު ކޮށްދިނީ އެމްބާޕޭއެވެ.

ރެއާލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މާޗު މަހުގެ ނުވަ ވަަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް