އަވަށްޓެރި އިންޑިއާގެ މައިނޯރިޓީން ކަމުގައިވާ މުސްލިމުންގެ ހައްގުތަކުގެ މައްޗަށް މެޖޯރިޓީ ހިންދޫން އަރައިގަތުމުގެ ސިލްސިލާގެ ތެރެއިން ސްކޫލުތަކުގައި ބުރުގާ މަނާކުރުމަށްފަހު މިހާރު ބަންގީގެ އަޑު ކަނޑުވާލުމުގެ މަސައްކަތް ފަށައިފިއެވެ.
އެގޮތުން މިފަދަ މައްސަލައެއް ގުޖުރާތުގެ މަތީކޯޓުގައި ދަނީ ކުރިއަށެވެ.
މި މައްސަލައަކީ ގާންދީނަގަރަށް ނިސްބަތްވާ ޑަކުޓަރަކު ހުށަހަޅައިގެން އުޅޭ މައްސަލައެކެވެ.
މި މައްސަލައިގާ ބުނަނީ ބަންގީގެ އަޑު ގަދަވުމުގެ ސަބަބުން "ނޮއިސް ޕޮލިއުޝަން" ގެ އިތުރުން އިންސާނީ އަސާސީ ހައްގު ގެއްލޭ ކަމަށެވެ
މި މައްސަލައިގެ އަޑުއެހުމެއް އިއްޔެ ގުޖުރާތު ހައިކޯޓުގައި ކުރިއަށްގެންގޮސްފައިވާއިރު ކޯޓުން، އެ ޑަކުޓަރުގެ ވަކީލަށް ބައެއް ސުވާލުތައް އަމާޒު ކުރިއެވެ.
އެގޮތުން މިހާރު ބަންގީގެ އަޑު އިވިގެންދާ ބާރުމިނަކީ ކޮބައިތޯ ސުވާލު ކުރިއެވެ. އެ ސުވާލުގެ ޖަވާބުގައި އެ ވަކީލު ބުނެފައިވަނީ ހުއްދަ އޮންނަނީ 80 ޑެސިބަލަށްވުރެ އަޑުގަދަ ނުވާނޭހެން ބަންގީގެ އަޑު ދުރަށް ފޮނުވަން ކަމަށާއި ނަމަވެސް 200 ޑެސިބަލަށްވުރެ އަޑު ބާރުވާނެކަމަށެވެ.
ދެވަނަ ސުވާލަކަށް ކޯޓުން ކުރިމަތި ކުރުވީ ކައިވެނި ހަފްލާތައް ފަދަ ފެސްޓިވަލްތަކުގައިވެސް އަޑުގަދަ ކުރާއިރު އެއީ އުނދަގުލަކަށް ނުވޭތޯ؟ އެވެ.
ޖަވާބުގައި ވަކީލު ބުނެފައިވަނީ އެފަދަ ފެސްޓިވަލްތަކަކީ އާއްމު އިންސާނެއްގެ ހަޔާތުގައި އެއްފަހަރު އަންނާނެ ކަންކަން ކަމުން އެއީ މާ ބޮޑު ކަމަކަށް ނުވާކަމަށެވެ.
ކޮންމެއަކަސް ކޯޓު މަރުހަލާ އިއްޔެއަށް މެދުކަނޑައިލީ މިކަމުގައި ސަރުކާރުގެ ބަހެއް ހޯދަން ޖެހޭކަމަށް ނިންމުމަށްފަހުގައެވެ. އެގޮތުން މާރިޗް 10 ގެ ކުރިއަށް މިކަމުގައި ޖަވާބެއް ދިނުމަށް ސަރުކާރަށް އަންގާފައިވެއެވެ.
ބަންގީގެ އަޑު ކަނޑުވާލަން މަސައްކަތް ފަށާފައިވާއިރު ކަރްނާޓަކާގެ ސްކޫލުތަކުގައި ބުރުގާ މަނާކުރި ކުރުން ކޮޕީކޮށް، މަދްޔަ ޕްރަދޭޝާއި އުއްތަރު ޕްރަދޭޝްގެ ސްކޫލުތަކުގައިވެސް ބުރުގާ މަނާކުރަން މިހާރު މިވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް