މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓުން ޗައިނާ އަށް ކުރާ ދަތުރުތަކުގެ އަގުތައް އާއްމުކޮށް ޓިކެޓް ވިއްކަން ފަށައިފި އެވެ.
އެގޮތުން އޭ330 މަތިންދާ ބޯޓުގެ ފުރަތަމަ މަންޒިލް ކަމަށްވާ ޗައިނާގެ ޗެންގްޑޫ އަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 688 ޑޮލަރު (10،610ރ.) އެވެ. އެ ސިޓީ އަށް ކުރާ ފުރަތަމަ ދަތުރު ހަމަޖެހިފައިވަނީ މި މަހު22 ގައެވެ.
މޯލްޑިވިއަން އިން އާންމުކޮށްފައިވާ ގޮތުން ޗައިނާގެ ބެއިޖިންގެ ދެކޮޅު ޓިކެޓެއްގެ އަގު 788 ޑޮލަރު (12،151ރ.) އަށް އަރަ އެވެ. ޗައިނާގެ ޝެންހާއީގެ ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު (11،981ރ.) އެވެ.
ބެއިޖިން އަށް މި މަހުގެ 24 ގައި ދަތުރުތައް ފަށާ އިރު ޝެންހާއީ އަށް ދަތުރުތައް ފަށާނީ މި މަހުގެ 27 ގައި ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
މޯލްޑިވިއަންގެ އައު މަތިންދާބޯޓު ރާއްޖެ އަށް ގެނެސްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެއާބަސް އޭ330 ބޯޓުން 260 މީހުންގެ އުފުލޭނެ އެވެ. އަދި ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރުރާސްތާ ދަތުރުތައް ކުރެވޭނެ އެވެ. ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.
ދަތުރުުކުރާ ކޮންމެ ފަސިންޖަރަކަށް ވެސް 40 ކިލޯގެ ބެގޭޖު އުފުލޭނެ އެވެ.
އެއާބަސް އޭ330 ބޯޓާ އެކު، މޯލްޑިވިއަން އެއާލައިންގެ ފްލައިޓުގެ އަދަދު 25 އަށް އިތުރުވާނެ އެވެ. އެއާލައިނުން އަންނަނީ މިހާރު 29 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް