ތިން ކައުންސިލަކަށް ފަޅު ރަށްތައް ހަވާލުކުރަން ނިންމައިފި

ކައުންސިލްތަކަށް ފަޅުރަށްތައ ލިބޭ ގޮތަށް އިއުލާންކުރެއްވި ސިޔާސަތުގެ ދަށުންް ޕްރޮޕޯސަލް ހުށަހެޅި ކައުންސިލްތަކަށް ފަޅު ރަށްތައް ހަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް، ސިޓީތަކާއ...

16 Jan 2025 | 09:03

ކައުންސިލްތަކަށް ފަޅުރަށްތައ ލިބޭ ގޮތަށް އިއުލާންކުރެއްވި ސިޔާސަތުގެ ދަށުންް ޕްރޮޕޯސަލް ހުށަހެޅި ކައުންސިލްތަކަށް ފަޅު ރަށްތައް ހަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެގޮތުން ވަޒީރު ވިދާޅުވީ، ކައުންސިލްތަކަށް ފަޅު ރަށްތައް ހަވާލުކުރުމުގެ މަސައްކަތް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އާއި، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އާ ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ ރ. އިނގުރައިދޫ ކައުންސިލަށް ރ. ނެޔޮ، ދ. އަތޮޅު ކައުންސިލަށް ދ. މިނިމަސްގަލި އަދި ފެންފުށި އަދި ލ. މާވަށް ކައުންސިލަށް ލ. ބޮޑުމާބުޅަލި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މިކަމާ ގުޅިގެން ވަޒީރު ވަނީ އިނގުރައިދޫ އާއި ދ. އަތޮޅާއި ލ. މާވަށު ކައުންސިލަށާއި ހުރިހާ ރައްޔިތުންނަށް މަރުޙަބާ ދަންނަވައިފައެވެ.

އިޤުތިޞާދީ މަސައްކަތް ކުރުމަށް ކައުންސިލްތަކަށް ފަޅުރަށް ދޫކުރުމަށް ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ މާރިޗު މަހުތެރޭއެވެ.

މިގޮތުން މ. ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ކޮންމެ ރަށަކަށް، ކޮންމެ ކައުންސިލަކަށް، އެ ކައުންސިލެއްގެ އިޚްތިޞާޞް ތެރެއިން ވިޔަސް، ދުރުންވިޔަސް، ފަޅު ރަށެއް ހޯދުމުގެ ފުރުޞަތު ދޭން ނިންމާފައިވާ ކަމަށާއި، އޭރުން އެ ލިބޭ ރަށުގެ ބޭނުން ހިފައިގެން، އެ ރަށެއްގެ ރައްޔިތުން އެ ކައުންސިލާ ބައިވެރިވެގެން، ފަޅުރަށުގައި އެކިކަހަލަ އިންވެސްޓްމަންޓްތައް ކޮށްގެން މުއްސަނދިކަން ހޯދޭނެ ކަމަށެވެ. ރައީސް ވިދާޅުވީ، ކައުންސިލްތަކަށް ފަޅު ރަށް ދޫކުރާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް