ޣައްޒާގައި ނަސްލު ނައްތާލުމަށް ދެމުންދިޔަ ހަމަލަތައް މެދުކަނޑާލުމަކީ ލިބިގެންދިޔަ ބޮޑު ތަސައްލީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ 15 މަސް ދުވަހަށްފަހު ހަމަލަތައް ހުއްޓާލުމަށް އިސްރާއީލާއި ހަމާސް އިން އެއްބަސްވެފައިވާއިރު މިކަމާއި ގުޅުވައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ އެ އެއްބަސްވުމާއި ހަމައަށް ދެވުމުގެ މެދުވެރިއަކަށްވި ޤައުމުތަކަށް ރާއްޖޭގެ ނަމުގައި އިޚްލާސްތެރި ޝުކުރެއް އަދާކުރައްވާކަމަށެވެ.
"އަހަރެމެން އެދެނީ ހަމަލަ ހުއްޓާލުމުގެ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރުމާއި، ވިއްސި ވިހާލިވެފައިވާ ރައްޔިތުން އެނބުރި ދިއުމާއި، އިންސާނީ އެހީ އެންމެ ފުރިހަމައަށް ލިބިގެންދާކަން ބައިނަލްއަޤްވާމީ މުޖުތަމަޢު ޔަޤީން ކަށަވަރުކުރުން" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ ފަލަސްޠީނަށް ބަދަލު ދިނުމަށް އިސްރާއީލަށް ގޮވާލާ ކަމަށާއި އަދި އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ފަލަސްޠީނަށް ބޭނުންވާ ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް