އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އިރާގުގެ ކުރުދީ ސަރަހައްދުގައި ހުންނަ އިޒްރޭލުގެ "ޖާސޫސީ މައި މަރުކަޒު" ކަމަށް ބުނާ ސަރަހައްދަށް މިސައިލް ފޮނުވާލައި، ސީރިއާގެ އުތުރުގައި އައިއެސްއައިއެލް (އައިއެސް) އާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ އަމާޒުތަކަށް ހަމަލާދީ، އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދިފާއުކޮށް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފިއެވެ.
އިރާގުގެ ސެމީ އޮޓޮނޮމިސް ކުރުދީ ސަރަހައްދުގެ ވެރިރަށް އެރްބިލްގައި އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އަށް ބޮމެއް ވަނީ ގޮއްވާލާފައެވެ. މި ހާދިސާގައި ހަތަރު މީހަކު މަރުވެ ހަ މީހަކު ޒަހަމްވެފައިވާ ކަމަށް ސަރަހައްދީ ސަލާމަތީ މަޖިލީހުން ބުނެއެވެ.
އިރާގުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ އީރާނުން އުރުދުބީލަށް ދިން ޙަމަލާގައި ޢާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ އެޤައުމުގެ އިސްތިޤްލާލާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަރައިގަތުން ކަމަށް ބުނެ އެކަން ކުށްވެރިކުރާ ކަމަށެވެ.
ސަރުކާރުން ބުނީ އދ.ގެ ސަލާމަތީ މަޖިލީހަށް މައްސަލަ ހުށަހެޅުން ފަދަ ތަފާތު ކަންކަމާ މެދު ވިސްނާނެ ކަމަށެވެ.
"ޝަހީދުންގެ ލޭގެ އެންމެ ފަހު ތިކިތަކުގެ ބަދަލު ހިފަންދެން ހަމަލާތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ގައުމަށް އަރުވަން." އެ ބަޔާނުގައި ވެއެވެ.
ކުރުދީ ސަރަހައްދުގެ ބޮޑުވަޒީރު މަސްރޫރު ބަރްޒާނީ ވަނީ އުރުދުބީލަށް ދިން ހަމަލާއަކީ ކުރުދީ ރައްޔިތުންނާ ދެކޮޅަށް ހިންގި ޖަރީމާއެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވާފައެވެ.
ކުރުދީ ސަރަޙައްދީ ސަރުކާރުން ބުނީ ބޮން ބަރުކޮށްގެން އުފައްދާފައިވާ ތިން ޑްރޯން ވައްޓާލާފައިވަނީ އެ ސިޓީގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ކައިރީގައި އޮންނަ އެރްބިލްގައި ހުންނަ އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަން ބޭސްއަކަށް އަމާޒުކޮށް ކަމަށެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިއު މިލާ ވަނީ މިސައިލް ހަމަލާތަކަކީ ފަރުވާކުޑަ ހަމަލާތަކެއްގެ ގޮތުގައި ސިފަކުރައްވައި، އެހަމަލާތަކުގެ ސަބަބުން އިރާގުގެ ހަމަޖެހުން ގެއްލޭކަމަށް ވިދާޅުވެފައެވެ.
"އިރާގުގެ ސަރުކާރާއި ކުރުދިސްތާން ރީޖަނަލް ސަރުކާރުން އިރާގުގެ ރައްޔިތުންގެ އުންމީދުތައް ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތަށް ތާއީދު ކުރަން." އެކްސްގައި އޭނާ ލިޔުއްވާފައިވެއެވެ.
އެމެރިކާގެ ދެ އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ އެ ހަމަލާތަކުގެ ސަބަބުން އެ މީހުންގެ އެއްވެސް ފެސިލިޓީއަކަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށާއި އެމެރިކާގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އެމެރިކާގެ ދިފާއީ އޮފިޝަލަކު އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިރާގުގެ އުތުރާއި ސީރިއާގެ އުތުރުގައި ހުރި މިސައިލްތައް އެމެރިކާއިން ޓްރެކްކޮށްފައިވާ ކަމަށެވެ.
އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރަން ވަނީ މި ޙަމަލާތަކަކީ އެއްވެސް އުޒުރެއް ނެތި އަދި ބޭއިންސާފުން ހިންގާފައިވާ ޙަމަލާތަކެއްކަމަށާއި، މިއީ އިރާގުގެ ސިޔާދަތާއި ސަރަޙައްދީ އެއްބައިވަންތަކަމަށް ޤަބޫލުނުކުރެވޭ ފަދަ ޢަމަލުތަކެއްކަމަށް ވިދާޅުވެފައެވެ.
އީރާނާ ގުޅިފައިވާ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުގެ ޝިޕިންއަށް ދިން ހަމަލާތަކާ ގުޅިގެން އެމެރިކާ އާއި އިނގިރޭސިވިލާތުން މިދިޔަ ހަފުތާގައި ޔަމަނަށް އަސްކަރީ ހަމަލާތަކެއް ދޭން ފަށާފައިވާއިރު، އެއީ ޔަމަނުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމާ ހިލާފު އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ތެހެރާނުން ވަނީ ބުނެފައެވެ.
މި ހަމަލާތައް ދީފައި މިވަނީ އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ އަސްކަރީ ޙަމަލާތަކުގެ ސަބަބުން ސަރަޙައްދީ ގޮތުން ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ އޮކްޓޯބަރު މަހު ގާޒާ ހަނގުރާމަ ފެށި ފަހުން އެމެރިކާއާއި ގުޅިފައިވާ ފައުޖުތަކަށް އިރާގާއި ސީރިއާގައި އެތައް ހަމަލާތަކެއް ދީފައިވާއިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވަނީ އީރާނާ ގުޅިފައިވާ ހަތިޔާރު އެޅި ޖަމާއަތްތަކަށް ތުހުމަތުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް