ސީރިޔާގައި ތިބި ދިވެހި 5 އާއިލާއެއްގެ 21 މީހުން މިއަދު ރާއްޖެ ގެނައީ 1.8 މިލިއަން ރުފިޔާއަށް ފްލައިޓެއް ޗާޓަރުކޮށްގެން ކަމަށް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ސަރުކާރުން ޗާޓަރު ކުރި ފްލައިޓަކީ ރާއްޖޭގެ އެއާލައިނެއް ކަމަށްވާ ބިއޮންޑް އެވެ.
މިނިސްޓަރ އިހުސާން ވިދާޅުވީ ސީރިޔާއި ތިބި ދިވެހިން ބިއޮންޑް ފްލައިޓުން ރާއްޖެ ގެނައީ، އެހެން އެއާލައިންތަކުންކީ އަގަށް ވުރެ ކުޑަ އަގެއް ކީ ބިއޮންޑް އިން ކަމަށްވާތީ ކަމަށެވެ.
ސީރިޔާއިން މިއަދު ގެނަ ދިވެހިންގެ ތެރޭގައި 5 އަންހެނުންނާއި އެއް ފިރިހެނަކާއި 15 ކުޑަކުދިން ހިމެނެއެވެ. ހިންމަފުށީގައި ހަދާފައިވާ ރިހެބިލިޓޭޝަން ސެންޓަރަށް އެމީހުން ގެންގޮސްފައިވާއިރު، އެމީހުން މުޖުތަމައު ތެރެއަށް ނެރޭނީ އެމީހުންގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތްކަން ކަށަވަރުވުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ނިސްބަތްވާ 100 އަށްވުރެ ގިނަ ދިވެހިން ހަނގުރާމައިގެ މައިދާންތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން 90 އަށްވުރެ ގިނަ މީހުން އަނބުރާ ރާއްޖެ އައުމަށް ބޭނުންވާތީ އެމީހުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިވެހިން ދިއުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް