ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން ނަގަން ޖެހޭ ހުއްދަ ނެތި އުމްރާއަށް މީހުން ގެންދިއުމަށް ދެ ކުންފުންޏަކުން ފައިސާ ނަގަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަލް މަޝްޢަރު ހައްޖު އުމްރާ ކުންފުންޏާއި ވަޑި ހައްޖު އެންޑް އުމްރާ ކުންފުނިން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލާ ޚިލާފަށް އިސްލާމިކް މިނިސްޓްރީގެ ހުއްދަނެތި އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށްޓަކައި އިއުލާނުކޮށް، ފައިސާ ނަގަމުންދާކަން ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެއީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކަމެއް ކަމަށެވެ.
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދެވޭނީ ޖެހިޖެހިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް ކަމަށްވާތީ، އެ ހުއްދަ ނެތި ނުވަތަ އުމްރާގެ ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ އުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްވާންސް ފައިސާ ނެގުމަކީވެސް އެ އުސޫލާ ހިލާފު ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
އުމްރާގެ ހިދުމަތް ދިނުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތްތަކުގެ ލިސްޓު އެ މިނިސްޓްރީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް