ސީރިޔާއިން ރާއްޖެ ގެނައި މީހުން މުޖުތަމައު ތެރެއަށް ނެރޭނީ އެއްވެސް ނުރައްކަލެއް ނެތްކަން ކަށަވަރުވުމުން: އިހުސާން

ސީރިޔާގެ ހަނގުރާމައިގެ މައިދާނުން ރާއްޖެ ގެންނަ މީހުން މުޖުތަމައު ތެރެއަށް ނެރޭނީ އެމީހުންގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ކަށަވަރުވުމުން ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާ...

16 Jan 2024 | 10:24

ސީރިޔާގެ ހަނގުރާމައިގެ މައިދާނުން ރާއްޖެ ގެންނަ މީހުން މުޖުތަމައު ތެރެއަށް ނެރޭނީ އެމީހުންގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ކަށަވަރުވުމުން ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އަލީ އިހުސާން ވިދާޅުވީ ސީރިޔާ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ދިވެހި 5 އާއިލާއެއްގެ 21 މީހުން މިއަދު ރާއްޖެ ގެނެސް ހިންމަފުށީ ރީއިންޓަގްރޭޓަޑް ސެންޓަރަށް ގެންގޮސްފައިވާކަމަށެވެ.

އިހުސާން ވިދާޅުވީ އެމީހުން ތިބި ހާލަތު ދެނެގަތުމަށް ކޮންމެ މީހެއްގެ ވަކި ވަކި އެސެސްމެންޓްތައް ހެދުމަށްފަހު، އެމީހުންނަށް އެންމެ އެކަށީގެންވާ ރިހެބިލިޓޭޝަން ފަރުވާ ދެވިގެންދާނެ ކަމަށެވެ. އެމީހުންނަށް ފަރުވާ ދޭން ފަށާނީ އެކަށީގެންވާ ރިހެބިލިޓޭޝަން ޕްރޮގްރާމް ފަރުމާ ކުރުމަށްފަހު، ރިހެބިލިޓޭޝަން އަދި ރީއިންޓަގްރޭޝަން ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ފާސްކުރުމުން ކަމަށް އިހުސާން ވިދާޅުވިއެވެ.

ރިހެބިލިޓޭޝަން އަދި ރީއިންޓަގްރޭޝަން ކޮމިޓީގައި ހިމެނެނީ ސޯޝަލް އަދި ފެމިލީ ޑީވެލޮޕްމަންޓް މިނިސްޓްރީއާއި، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ފުލުހުންގެ އިނޓެލިޖެންސް ސާވިސްއާއި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ނެޝަނަލް ހޯމްލޭންޑް ސެކިއުރިޓީގެ ނެޝަނަލް ރީއިންޓްގްރޭޝަން ސެންޓަރގެ އެކްސްޕާޓުންނެވެ.

އިހުސާން ވިދާޅުވީ ތަކުރާރުކޮށް އެކި ހިސާބުތަކުގައި އެކި އެސެސްމެންޓްތައް މި ޕްރޮގްރާމް ތެރޭގައި ހެދިގެންދާނެ ކަމަށާއި އެމީހުން މުޖުތަމައު ތެރެއަށް ނެރޭނީ ދިވެހި މުޖުތަމައު ތެރޭގައި އާއްމު ހާލަތުގައި އުޅެވިދާނެ މީހުންކަމަށް ތަޖުރިބާކާރުންނަށް ހުރިހާ ގޮތަކުންވެސް ގަބޫލުކުރެވޭ ހިސާބަށް ދިއުމުން ކަމަށެވެ.

އިހުސާން ވިދާޅުވީ ރިހެބިލިޓޭޝަން ފަރުވާ ނިމެންދެން މިއަދު ގެނަ އާއިލާތައް ތިބޭނީ އެ ސެންޓަރުގައި ކަމަށެވެ. ރިހެބިލިޓޭޝަން ސެންޓަރުގައި 24 ގަޑިއިރު ދިވެހި ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުން ގެންދާނެ ކަމަށާއި އެ ސެންޓަރަށް އެތެރެވެ ބޭރުވެވޭނީ ވެސް ހުއްދަ ދެވޭ ފަރާތްތަކަށް އެކަނި ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މިއަދު ގެނަ ދިވެހިންނަށް އާއިލާތަކާ ބައްދަލުކުރުމުގެ ފުރުސަތުވެސް ދެވޭނީ ފަރުވާގެ ވަކި ހިސާބަކަށް ދިއުމުން ކަމަށެވެ.

"އެބޭފުޅުންގެ އާއިލާތަކާއި ބައްދަލުކުރުމުގެ ފުރުސަތު ލިބޭނީ އެ ޕްރޮގްރާމްގެ، އަޅުގަނޑުމެން ހަދާ އެސެސްމެންޓްތަކުން އެ ހިސާބަކަށް ދެވުނީމަ. އަޅުގަނޑުމެން ވާނީ މިވާހަކަ އެ އާއިލާތަކާ ވަރަށް ގާތުން ހިއްސާކޮށްފައި. އަދި ޕްރޮގްރާމް ކުރިއަށްދާ ވަރަކުން އެ އާއިލާތަކަށް ދޭން ޖެހޭ އަޕްޓޭޑުތައް ނެޝަނަލް ރީއިންޓެގްރޭޓެޑް ސެންޓަރުން ފޯރުކޮށްދެމުން ދާނެ" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މިގޮތަށް ހަނގުރާމަވެރި ސަރަހައްދުތަކުން ގެންނަ ދިވެހިންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށެވެ. އެގޮތުން މިފަހަރު ގެނެވުނު ކުދިންގެ ތެރޭގައި 3 އަހަރުގެ ކުއްޖަކުވެސް ހިމެނޭކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވަނީ އެކުދިންނަށް ރަނގަޅު ކުރިމަގެއް ހޯދައިދިނުމަށް ދައުލަތުގެ މުއައްސަސާތަކުން ކުރާ މަސައްކަތަށް ރައްޔިތުން އިތުބާރުކޮށް ސަޕޯޓުދިނުމަށް އެދިލައްވާފައެވެ.

"އަޅުގަނޑުމެން ޔަގީންކަން އަރުވަން، ދިވެހި މުޖުތަމަޢުއަށް އަދި ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކަށް އަޅުގަނޑުމެން މި އަނބުރާ ގެންނަ ދިވެހި ރައްޔިތެއްގެ ފަރާތުން އެއްވެސް ކަހަލަ ބިރުވެރިކަމެއް ނޯންނާނެކަން ކަށަވަރު ކުރާނަން." އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ރާއްޖެއަށް ނިސްބަތްވާ 100 އަށްވުރެ ގިނަ ދިވެހިން ހަނގުރާމައިގެ މައިދާންތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި އޭގެ ތެރެއިން 90 އަށްވުރެ ގިނަ މީހުން އަނބުރާ ރާއްޖެ އައުމަށް ބޭނުންވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް