ސީރިޔާ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ދިވެހި 5 އާއިލާއެއްގެ 21 މީހުން ރާއްޖެ ގެނެސްފައިވާކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އަލީ އިހުސާން ވިދާޅުވީ ސީރިޔާއިން މިއަދު ގެނަ 21 މީހުންނަކީ ދިވެހިންކަން ކަށަވަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 15 ކުޑަކުދިން ހިމެނޭއިރު، އެ ކުދިންނަކީ ފަސް އަންހެނަކަށް ލިބިފައިވާ ދަރިން ކަމަށް އިހުސާން ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހި ފިރިހެނެއްވެސް މިއަދު ވަނީ ރާއްޖެ ގެނެސްފައެވެ.
އެމީހުން ރާއްޖެ ގެނެސް ހިންމަފުށީގައި ހަދާފައިވާ ރިހެބިލިޓޭޝަން ސެންޓަރަށް ގެންގޮސްފައިވާއިރު، އިހުސާން ވިދާޅުވީ ހިންމަފުށީ ރީއިންޓަގްރޭޓަޑް ސެންޓަރު ހަދާފައިވާނީ ވަކި ވަކިން އާއިލާތަކަށް އަދި މީހުންނަށްވެސް ވަކިން ފަރުވާ ދެވޭ ގޮތަށް ކަމަށެވެ. އެސެސްމަންޓްތައް ހެދުމަށްފަހު އެކަށީގެންވާ ފަރުވާތައް ދެވިގެން ދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ރާއްޖެއަށް ނިސްބަތްވާ 100 އަށްވުރެ ގިނަ ދިވެހިން ހަނގުރާމައިގެ މައިދާންތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި އޭގެ ތެރެއިން 90 އަށްވުރެ ގިނަ މީހުން އަނބުރާ ރާއްޖެ އައުމަށް ބޭނުންވާ ކަމަށެވެ.
އިހުސާން ވިދާޅުވީ ހަނގުރާމައިގެ މައިދާންތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރާ ކަމަށާއި، ހަނގުރާމަތަކަށް ދިވެހިން ދިއުން ހުއްޓުވުމަށްވެސް ސަރުކާރުން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް