އިންފްލުއެންޒާއަށް މި އަހަރުގެ މިހާތަނަށް 19 މީހަކު ޕޮޒިޓިވް ވެއްޖެ

އިންފްލުއެންޒާއަށް މި އަހަރުގެ މިހާތަނަށް 19 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭ އިން ބުނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވި 19 މީހުންގެ ތެރެއި...

16 Jan 2024 | 07:44

އިންފްލުއެންޒާއަށް މި އަހަރުގެ މިހާތަނަށް 19 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވި 19 މީހުންގެ ތެރެއިން 10 މީހުންނަކީ A(H3N2) އަށް ޕޮޒިޓިވްވެފައިވާ މީހުންކަމަށެވެ. 8 މީހަކު A(H1N1) އަށް ޕޮޒިޓިވް ވެފައިވާއިރު އެކަކު ޕޮޒިޓިވް ވެފައިވަނީ އިންފްލުއެންޒާ B(Victoria) އަށެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މިހާތަނަށް ޖުމްލަ 154 މީހަކު ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭ އިން ބުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، 2024 ވަނަ އަހަރު މިހާތަނަށް އިންފްލުއެންޒާއަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

މިދުވަސްވަރަކީ ސަރަހައްދީ ގައުމުތަކުގައިވެސް އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސްވަރަކަށް ވެފައި، ސްކޫލް ބަންދާ ގުޅިގެން ދަތުރުފަތުރު ކުރުން އިތުރުވުމާ ގުޅިގެން މިދުވަސްވަރު ރާއްޖޭގައިވެސް އިންފްލުއެންޒާ ފެތުރޭ މިންވަރު އިތުރުވަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އިންފްލުއެންޒާ އަދި ކޮވިޑް އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުންނަ ފަރާތްތަކުން ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދޭ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ހުން އައިސް، ރޯގާ ޖެހި 3 ދުވަހަށް ވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އިންފްލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، ނޭފަތުން ފެން އައުން ނުވަތަ ނޭފަތް ބެދުން، ކެއްސުން، ކަރުގައި ރިއްސުން، ބޭރަށް ހިނގުން، ހުން އައުން، ވަރުދެރަވުން އަދި ގައިގައި ރިހުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް