އުސޫލުތަކެއްގެ ދަށުން ނޭޝަނަލް އާޓް ގެލެރީގައި އިވެންޓުތައް ބޭއްވުމަށް ކުއްޔަށް ދޫކުރަން ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސްއިން ނިންމައިފިއެވެ.
އާޓް ގެލެރީ ހުޅުވާލާ ކުއްޔަށްދުކުރުމަށް ނިންމާފައިވަނީ މަރާމާތުކުރުމަށް ބަންދުކޮށް ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން ގިނަ ފަންނުވެރިން ކަންބޮޑުވުންތަކެއް ފާޅުކުރަމުން އައި ދަނޑިވަޅެއްގައެވެ. އިވެންޓުތައް ބޭއްވުމަށް ކުއްޔަށް ދޫކުރުމަށް މިމަހުގެ 15އިން ފެށިގެން ހުޅުވާލާފައިވާކަމަށް އެންސީއޭއިން ޢާއްމުކުރި ޢިއުލާނުގައި ހާމަކޮށްފައިވެއެވެ.
އާޓް ގެލެރީގައި އިވެންޓުތައް ބޭއްވުމަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާއިރު އެތަނުގައި ޙަރަކާތްތައް އިންތިޒާމުކުރުމުގެ އުސޫލުގެ ދަށުން ދިވެހި ފަންނުވެރިން ނުވަތަ އެފަދަ ފަރާތްތައް ތަމްސީލުކުރާ ޖަމުޢިއްޔާއަކުން މަޢުރަޒެއް ނުވަތަ ޙަރަކާތެއް ހިންގުމަށް ފައިސާ ދައްކަން ނުޖެހޭނެއެވެ. އުސޫލުގައިވާގޮތުން އާޓް ގެލެރީގައި ބާއްވާ މަޢުރަޒަކަށް ނުވަތަ އެހެންވެސް ޙަރަކާތެއް ބަލާލުމަށް ނުވަތަ ބައިވެރިވުމަށް ފީއެއް ނަގާނަމަ އެކަނޑައަޅާ ފީއެއްގެ 15 އިންސައްތަ އެޙަރަކާތެއް ނިމޭތާ 7 ދުވަހުގެ ތެރޭގައި އެންސީއޭއަށް ދައްކަން ޖެހޭނެއެވެ.
އާޓް ގެލެރީގައި ބާއްވާ ޙަރަކާތުގައި އެއްޗެއް ވިއްކާނަމަ ނުވަތަ އަގު ނަގާނަމަ އެއަގުގެ 15 އިންސައްތަވެސް އެޙަރަކާތެއް ނިމޭތާ 7 ދުވަހުގެ ތެރޭގައި އެންސީއޭއަށް ދައްކަން ޖެހޭނެއެވެ.
ފަންނާނުންގެ އެކި ހުނަރު ދައްކާލުމަށް އެކި ދުވަސްވަރު ގިނަ ޙަރަކާތްތައް ބާއްވަމުން އައި ނެޝަނަލް އާޓް ގެލެރީ ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމު އެންސީއޭއަށް ހުށައެޅުމުން އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަމާއި އެއްގޮތަށް އެފުރުސަތު މިއަދުން ފެށިގެން ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް