އެންމެންވެސް ހީކުރީ ސާރޖަރީއަށްފަހު އަރްހާން ކުރީގެ މިޒާޖަށް އެނބުރި އަންނާނޭ...، އެކަމަކު އެހެނެއްވެސް ނުވި... ކުރިން އަބަދު ކައިލްއާ އެކީ އުޅޭ މީހާ މިހާރު ކައިލްއަށް ގުޅާވެސް ނުލާ.. މޭ ބީ އަރްހާން ޑިޕްރެޝަނަށް ދަނީ ކަންނޭނގެ.. " އިޒްވާ ކިޔައިދިނެވެ. އިޒްވާ ވަކި އެއްޗެއް ނުބުންޏަސް އޭނާގެ ހިތާއި ސިކުނޑި ހިޞާރުކޮށްފައިވީ އަރްހާންގެ ހިޔާލުތަކުންނެވެ.
********
ކައިލް ގެއަށް އައިސް ވަނީ އިޒްވާ އެގެއިން ދާން އުޅެނިކޮށެވެ. ކައިލް ސަލާމް ގޮވައިލުމުން އިޒްވާ ޖަވާބު ދިނީ ހިނިތުންވުމަކާ އެކީގައެވެ. އެހިނދު ކައިވާ ދުވަމުން އައިސް ކައިލްގެ ފައިގާ ބައްދާލިއެވެ. ކައިލް ކައިވާ އުރާލަމުން ކޮލުގައި ބޮސްދީފިއެވެ.
"ކައިލް ދާންވީނު އިޒީ ގެއަށް ލައިދޭން.. " ޖަނާން ބުންޏެވެ.
"ނޫނޭ އިޓްސް އޯކޭ.. ހިނގާލާފަ ދާނީ.. އެހެން ގެއަކަށް ވަދެލާފަ އަދި ދާނީ.. " މިހެން ބުނެ އިޒްވާ އެގެއިން ނިކުމެއްޖެއެވެ.
"ފްރެޝްވެލައިގެން އާދޭ ސައިބޯން.. އިޒީ އެދިޔައީ ވަރަށް މީރުކޮށް ސޭންޑްވިޗް ހަދާފައި.. " ޖަނާން ބުންޏެވެ. ކައިލް މަޑުމަޑުން ކައިވާ ތިރީގައި ބެހެއްޓުމުން އެކުއްޖާ ދުވެލާފައި ގޮސް އަލުން ކުޅެން އިށީނދެއްޖެއެވެ.
"ސައިބޮއެގެން ފްރެޝްވާން ދިޔައިއްޔާ ކިހިނެއްވާނީ؟ ވަރަށް ބަނޑުހައިވެފަ މިހުރީ.. " ބެގީ ނައްޓަމުން ކައިލް ގޮސް ކާމޭޒު ކައިރީގައި އިށީނެވެ. ޖަނާން ކައިލްއަށް ތައްޓަށް ދިނުމަށްފަހު ތައްޓަށް ސޭންޑްވިޗެއް ލައިދިނެވެ. އެއަށްފަހު ކައިލްއަށް އެންމެ މީރު ޑިޕް ސޯސްވެސް ތަށީގެ އެއްކައިރިއަށް ލައިދިނެވެ. ކޮފީއެއް ތައްޔާރުކޮށްގެން ގެނެސް ކައިލް ކައިރީގައި ބެހެއްޓުމަށްފަހު ޖަނާންވެސް ކައިލް ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީނެވެ.
"މިރޭ ބައްދަލުވުމެއް އޮތް ވާހަކަ ބުނިން ދޯ.. އަހަރެންނަށްވެސް މިރޭ ގެއަށް އާދެވޭނީ ވަރަށް ލަހުން.. ކައިވާ މަންމަމެން ގޭގައި މިރޭ ބާއްވަންވީ ދޯ.. " ޖަނާން ބުންޏެވެ.
"އޯކޭވާނެ.. " ކައިލް ޖަވާބު ދިނެވެ. " އިޒްވާ ރަނގަޅުތަ؟ ކީކޭތަ ކީ..؟ އެގޭގައި ހިތްހަމަޖެހޭތަ އޭނަ؟ "
"ހުމްމްމް.. ދައްތަމެން ވަރަށް ރަނގަޅޯ ބުނީ.. އެނގޭތަ މިއަދު ބުނާއެއްޗެއް؟ " ޖަނާން އެހެން އެހުމުން ކައިލް ނިތް އަރުވައިލިއެވެ.
"ޝިވަންއާއި އޭނާގެ ކޮއްކޮ އުޑާ ބިމާހާ ތަފާތޯ.... " ޖަނާން ބުނެލިއެވެ. ކައިލް ހައިރާންވެ ދެބުމަ ކައިރިކޮށްލިއެވެ.
"ކީއްވެ އެހެން އެބުނީ... ؟ " ކައިލް އެހިއެވެ.
"ނޭނގެ... ޝިވަންގެ ވާހަކަ ދައްކަމުން ގޮސް ކުއްލިއަކަށް އެހެން ބުނެލީ.. އަހަރެން ބުނިން އަރްހާން އެއީ ވަރަށް މަޖާ މިޒާޖެއްގެ ކުއްޖެކޭ ކުރީގައި.. ބަލިވިފަހުންނޭ އެހެން ހުންނަނީ.. "
"ޖަންނައާ ވާހަކައެއް ޝެއަރ ކޮށްލަންތަ؟ " ވަރަށް ވިސްނަން އިނުމަށްފަހު ކައިލް ބުންޏެވެ. ޖަނާން ބޯޖަހައިލިއެވެ.
"އަހަރެންނަށް ހީވަނީ އަރްހާން އިޒްވާ ދެކެ ވަރަށް ލައިކްވާހެން.. މޭ ބީ އިޒްވާ ވެސް............... "
"ވަޓް؟؟ އެބަ އިނގޭތަ ތިކިޔޭ އެއްޗެއް... އިޒްވާ އެއީ އަރްހާންގެ ވާން އުޅޭ ފަހަރި.. ފަހަރިއާ މެދު އެފަދަ ނަޒަރަކުން އަރްހާން ދެކޭނޭ އަހަރެންގެ ހިތެއް ނުބުނޭ.. އަނެއްކޮޅުން އިޒްވާއަކީ އަމުދުން ތިކަހަލަ ވިސްނުމެއް ގެންގުޅޭނެ ކުއްޖެއް ނޫން.. ކައިލް ކޮންއިރަކުން ތިހާ ނެގެޓިވްކޮށް ވިސްނަން ފެށީ... "
"ނެގެޓިވްކޮށް ވިސްނަނީއެއް ނޫނޭ.. އިޒްވާ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އަރްހާން އިޒްވާއަށް ބަލާގޮތުން އަހަރެންނަށް އެނގެނީ... އަހަރެންނަށްވުރެ ބޮޑަށް އަރްހާންގެ ގޮތް އެނގޭނެ މީހަކު މިއާއިލާއަކު ނުހުންނާނެ.. އަހަރެން އިޒްވާއާ މެދު ކުށްހީއެއް ކުރެވުނު ކަމުގައި ވެދާނެ.. އެހެންނަމަވެސް އަރްހާންއާ މެދު އަހަރެން މިބުނީ ރަނގަޅު ވާހަކައެއް.. އަރްހާން ނުބުންޏަސް އަހަރެންނަށް އޭނާގެ ދެލޮލުން އެކަން އެނގި ސާފުވޭ..." ކައިލް ބުންޏެވެ.
"ތިހެން ވެއްޖެނަމަ ވަރަށް ދެރަ.. އުފަލުން އުޅޭ އާއިލާއެއް އިޒްވާގެ ސަބަބުން ބަރުބާދުވާކަށް އަހަރެން ނޭދެން.." ޖަނާން ބުންޏެވެ. " އަހަރެން އިޒްވާ ކައިރީގައި ތިވާހަކަ ދައްކަންވީތަ؟ "
"ނޫން އަދި މަޑުކުރޭ.. އަހަރެން އަރްހާންއާ ވާހަކަ ދައްކާ އޭނާއަށް ނަސޭހަތްދޭނަން.. " ކައިލް ބުނެލިއެވެ.
*********
ޖަނާން މެން ގެއިން ނިކުމެގެން އިޒްވާ ދިޔައީ ނަދީމާ ކައިރިއަށެވެ. އެގެއާ ކައިރިވި ވަރަކަށް އަނދާހުލިވެފައިވާ ކައިސަންގެ ގެ ފެނި އިޒްވާގެ ހިތުގައި ރިއްސާލިއެވެ. އެގެއާ ދިމާލަށް ބަލަހައްޓައިގެން ހުރި އިޒްވާގެ ދެލޯ ފެންކަޅިވިއެވެ. ކައިސަންއާއި މަރިޔަމްއާއެކު އެގޭގައި ހޭދަކޮށްފައިވާ ވަގުތުތައް ހަނދާންވެ އިޒްވާއަށް ރޮވުނެވެ. އެތަނުގައި އެގެއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓާ ސިހުނީ ފަހަތުން މީހަކު ކޮނޑުގައި އަތް ބާއްވާލުމުންނެވެ. ބަލައިލިއިރު ނަދީމާ އެވެ. އަވަސް އަވަހަށް ދެލޯ ފޮހެލުމަށްފަހު އިޒްވާ ނަދީމާއަށް ހިނިތުންވެލިއެވެ.
"ރޮނީ ދޯ.. މިގެ ފެންނަ ކޮންމެ ފަހަރަކި ދައްތަވެސް ފެންކަޅިވޭ.. ދެން އަދި އިޒްވާއަށް ކިހާވަރެއް ވާނެ.. މިތާ ނުހުރެ ހިނގާ އެތެރެއަށް.. " ނަދީމާ އިޒްވާގެ އަތުގައި ހިފައިގެން ގެންގޮސް އެގެއަށް ވަނެވެ.
"މިއައީ ހެދިކާ ކޮޅެއް ގަނެގެން.. ހިނގާ ސައިބޯން... " މޭޒުމައްޗަށް ތަށިތައް އަރުވަމުން ނަދީމާ ބުންޏެވެ. އިޒްވާ ގޮސް އިށީނީ ކާމޭޒު ކައިރިން ގޮނޑިއެއްގައެވެ.
"މިއައީ ސައިބޮއެގެން.. ނަދިއްތަ ކިހިނެއްތަ؟ " އިޒްވާ ބުންޏެވެ.
"ﷲ އިރާދަފުޅުން ހަމަ ވަރަށް ރަނގަޅު.. އިޒްވާ ރަނގަޅުތަ؟ މާމަ ކިހިނެއް؟ " ނަދީމާ އެހިއެވެ.
"މާމަވެސް ރަނގަޅު... "
"އެހެންތަ؟ އެގޭ މީހުން ވަރަށް ރަނގަޅު ދޯ އިޒްވާމެންނަށް.. ދައްތަ ބުނިހެން ނަސީބު އަތުގައި ހިފާފަ ތިއޮތީ.."
"ހުމް ވަރަށް ރަނގަޅު ބައެއް އެއީ.. މާމަ ބަލަންވެސް މީހަކު ގެނެސްފަ ހުންނަނީ.. މާމަ ވަކިން ކޮޓަރިއެއްގައި ބާއްވާފައި އެކޮޓަރީގައި މެޑިކަލް ހުރިހާ ސާމާނެއް ހުރޭ.. ނަރުހެއްވެސް ހުރޭ.. މާމަވެސް ވަރަށް ހިތްހަމަޖެހިފައި އޮންނަހެން ހީވަނީ.. މިހާރު އެހާ ވަރަށް ކައިސަންގެ ވާހަކަވެސް ނުދައްކާ... " ފަހު ޖުމްލަ ބުނެލިއިރު އިޒްވާގެ ހިތަށް ސިފަވަމުން ދިޔައީ އަރްހާންއެވެ. ދުވަހުގެ ވަރަށް ގިނަ ވަގުތު އަރްހާން މަރިޔަމްއާއެކު ހޭދަކުރާތަން އިޒްވާއަށް ވަނީ ފެނިފައެވެ. އަރްހާންއާ މަރިޔަމް ވާހަކަ ދައްކާއިރު އަބަދުވެސް އޮންނަނީ ހެވިފައެވެ.
"ރަނގަޅެއްނު.. އަލްޙަމްދުލިﷲ.. "
"އެކަމަކު އަހަރެންގެ ވަޒީފާ ގެއްލިއްޖެ.. އަމިއްލަ ހަރަދުތައް ކޮށްލަން ލާރިއެއް ނެތުމުން އެންމެ ދެރަވަނީ.. އެމީހުން ކައިރީ ބުނާކަށް ނުކެރޭނެއްނު.. " އިޒްވާ ބުންޏެވެ. އެހިނދު ނަދީމާ އޭނާގެ ފޯނުގެ ކަވަރުތެރެއިން ނަގާ އިޒްވާއަށް ދުއިސައްތަ ރުފިޔާ ދިއްކޮށްލައިފިއެވެ.
"ނޫން ނަދިއްތާ.. ފަހަރެއްގައިވެސް އަހަރެން މިވާޙަކަ މިދެއްކީ ނަދިއްތަ އަތުން ލާރި ބޭނުންވެގެންނެއް ނޫން.. ގާތް މީހެއް ވީމަ ހިއްސާކޮށްލީ... މި ބާއްވާ.. އަހަރެންނަށްވެސް އެނގޭ ނަދިއްތަ އުޅޭލެއް ނުލާހިކު ދަތިކަން.. " ލާރި އަނބުރާ ނަދީމާއަށް ދެމުން އިޒްވާ ބުންޏެވެ.
"އެހެންތަނަކަށް ވަޒީފާއަށް އެޕްލައި ކޮށްގެން މިއުޅެނީ.. ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެތަނުން ވަޒީފާ ލިބޭނެ.. "
**********
ނަދީމާމެން ގެއިން އިޒްވާ ނިކުތީ އިރުއޮއްސެން ގާތްވެފައި ވަނިކޮށެވެ. މަޑުމަޑުން ހިނގާފައި ދަނިކޮށް ކައިރިން ކާރެއްގެ ބަރުގޮނުގެ އަޑު އިވި އިޒްވާ ބަލައިލިއެވެ. މަޑުމަޑުން އިޒްވާއާ ކައިރިވަމުން ދިޔަ ކާރުގައި އިނީ އަރްހާންއެވެ.
"ކާރަށް އަރަންވީނު.. އަހަރެން ގެންގޮސްދޭނަން.. " ކާރުގެ ލޯގަނޑު ތިރިކޮށްލަމުން އަރްހާން ބުންޏެވެ.
"ނޫން އޯކޭ އަހަރެން ހިނގާލާފަ ގޮސްދާނަން.. " އިޒްވާ ބުންޏެވެ.
"ތިހެން ބުނުން ހަމަ މަޖުބޫރުތަ... އަހަރެން ނޫޅެމޭ އިޒްވާ ކާލާކަށް.. އަލަކަށް ނޫނެއްނު މިކާރަށް ތިއަރަނީ.." ރުންކުރު ގޮތަކަށް އަރްހާން ބުންޏެވެ. އިޒްވާ ހިތްހަމަނުޖެހޭގޮތްވެ ދަތްކުޑިވިކައިލެވުނެވެ. އަރްހާންއަށް ބަވާލަން ހިތަށް އެރިއެވެ. ނަމަވެސް ރައިހާނާއާއި ޝިވަންއަށް ކުރާ އިޚްތިރާމެއްގެ ބޮޑުކަމުން އިޒްވާ ހިމޭންކަން އިޚްތިޔާރުކުރިއެވެ. ދެބަހެއް ނެތި ގޮސް ކާރަށް އަރާ އިށީނދެއްޖެއެވެ. އެހިނދު އަރްހާން އިޒްވާ އަތަށް ދިއްކޮށްލީ މުޅިން އާ ފޯނެކެވެ. ފޯނާއެކު ފަސްސަތޭކަ ރުފިޔާވެސް އޮތެވެ.
"ތި ކޯންޗެއް..؟ " އިޒްވާއަށް އެހެން އަހައިލެވުނީ ހިތްހަމަނުޖެހިފައެވެ.
"ތިއަށް މީހުން ކިޔާ އުޅެނީ ފޯނު.. ދެން އެއޮތީ ފަސްސަތޭކަ ރުފިޔާ.. ދޮންބެ އިޒްވާއަށް ދޭށޭ ކިޔާފައި ދިން އެއްޗެއް.. އަވަސްކޮށް ހިފާބަލަ އެހެން ނޫނީ.. " އިޒްވާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ކެތްކުރެވޭނީ ވަކި ވަރަކަށް ނޫން ހެއްޔެވެ؟
"އެހެންނޫނީ ކީއްކުރެވޭނީ.. އެއްލާލާނީތަ؟ އެއްލާލާ އެހެންވީއިރު.. ތިހާ ރުންކުރުކޮށް ނޫނީ ވާހަކަ ނުދެއްކެނީތަ؟ ނޫނީ ހިސާބަށް ބުރެ ހިތްމޮޅީތަ؟ " އިޒްވާ ފަތިވަރު ގޮވައިގަތެވެ. އަރްހާން ހިމޭންވިއެވެ. އިރުކޮޅަކުން އެހެން އިނދެފައި އަރްހާންގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. އިޒްވާ ރުޅިއައިސްފައި އިން ގޮތުން އަރްހާނަށް މަޖާވީއެވެ.
"ސޮރީ... އިޓްސް ޖަސް ހައު އައި އެމް.. " އަރްހާން ބުނެލިއެވެ. " އަން! މީގަ ހިފާ.. އެހެންނޫނީ ދޮންބެ ހަޅޭއްލަވާނީ އަހަރެންނާ ދިމާލަށް.... "
"އިޓްސް ޖަސްޓް ހައު އައި އެމް އޭ ބުނީމަ ނިމުނީއެއް ނޫން.. ތިމާއަށް ވާހަކަ ދެއްކޭ ގޮތުން އަނެކާގެ ހިތަށްވެސް އަސަރު ކުރާނެ ކަން ދަންނަންޖެހޭނެ.. އެހެންމީހުންނާ ދޭތެރޭގައި ނުވިސްނަންޏާ ދެން އެއީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް... އަހަރެން އެގޭގައި އުޅޭތީ ތަ އަރްހާން އަހަރެން ދެކެ އެހާ ރުޅި ތިއަންނަނީ.. " އިޒްވާ ބުންޏެވެ. އިޒްވާގެ ދުލުން އޭނާގެ ނަން އިވުނު ހިނދު އަރްހާންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަދިވެސް އެއްފަހަރު އެނަމުން ގޮވާލަބަލާށޭ ބުނަން ބޭނުންވިއެވެ.
"އިޒްވާ އެގޭގައި އުޅޭތީ އަހަރެންނަށް ދުވަހަކުވެސް އުނދަގުލެއް ނުވާނެ.. ވަރަށް ވަރަށް ބޮޑަށް ސޮރީ.. މިހާރަކަށް އައިސް އަހަރެންނަށް ވެފައި ހުންނަ ގޮތެއް ހުދު އަހަރެންނަކަށްވެސް ނޭނގޭ.. އަހަރެންނަށް މިވާ ގޮތް ގޮތް ދެނެގަންނަން މަސައްކަތް ކޮށް ކޮށް އަހަރެންގެ ސިކުނޑި ސުމަކަށް ދާވަރު ވެއްޖެ.. ކުއްލިއަކަށް އަހަރެންގެ ދިރިއުޅުމަށް މިއައި ބަދަލެއްގެ ސަބަބުން އަހަރެންގެ މުޅި ހަޔާތް ކުރިއަށް ނުގޮސް މަޑުޖެހިފައިވާކަހަލަ.. އިޒްވާއާ އެކަންޏެއް ނޫން.. އެންމެންނާވެސް އަހަރެންނަށް ވާހަކަ ދެއްކެނީ މިމޭރުމުން... އެގޮތަށް ވާހަކަ ދެއްކޭތީ އަހަރެން މާ ދެރަވޭ.. އެކަމަކު ނޭނގެ.. ނޭނގެ މިވަނީ ކިހިނެއް ކަމެއް.. އިހުސާސްވަނީ އަހަރެން މީ މުޅިން އެހެން މީހެކޭ. ޔަގީނުންވެސް މީ ކުރީގެ އަރްހާނެއް ނޫންކަން އެނގޭ... މިކަމުގެ ސަބަބުން އަހަރެންގެ ގާތް މީހުންނާ އަހަރެން މުޅިން ދުރުވެއްޖެ.. އެންމެންގެ ނަޒަރުގައި އަހަރެންނަކީ ބޮޑާ ކިބުރުވެރި މީހަކަށް ވެއްޖެ.. އެކުގައި ކޮފީތަކަށް ގޮސް މަޖާ ނުކުރާތީ ރައްޓެހިން އަހަރެން މުޅިން އެމީހުންގެ ދިރިއުޅުމުން ބޭރުކޮށްލައިފި.. ދުވަހަކުވެސް ނުލިބޭފަދަ އެކަނިވެރިކަމެއް ލިބިފައިވާ ކަހަލަ.. ކޮންމެވެސް ކަމަކަށް ހިތް އެދޭ ކަން އެނގޭ.. ނޭނގެނީ ކޮންކަމެއް ކަން..އެކަން ދެނެގަންނަން މަސައްކަތް ކޮށް ކޮށް އަހަރެން ވަރުބަލިވެއްޖެ.. އެސުވާލުގެ ޖަވާބު ހޯދަން އަހަރެން ވަކި ދާނީވެސް ކޮންތާކަށް ކާކު ކައިރިއަށް.. " އަރްހާން އޭނާގެ އިހުސާސްތައް އިޒްވާގެ ކުރިމަތީގައި ބަންޑުންކޮށްލީ ފަސްޖެހުމެއް ނެތިއެވެ. މިވީހާ ދުވަހު އެއްވެސް މީހެއް ކައިރީ އެވާހަކަ ދެއްކުމަށް އޭނާވަނީ ނުކުޅެދިފައެވެ. ނަމަވެސް އެހާ ފަސޭހައިން އިޒްވާ ކައިރީގައި އެވާހަކަތައް ދެކެވުމުން ޙުދު އަރްހާންވެސް އިނީ ހައިރާންވެފައެވެ. އެއާއެކު ހިތުތެރޭގައިވާ ހުރިހާ އިހުސާސްތަކެއް ބޭރުކޮށްލެވުމުން ހިތާއި ސިކުނޑިއަށް އާދަޔާ ހިލާފު ހިތްހަމަޖެހުމެއް ލިބިއްޖެއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 18 ޖެނުއަރީ ވާ ބުދަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް