ގދ. ގައްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 6 މަގެއްގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އަރްޑީސީން ބުނެފިއެވެ.
އާރްޑީސީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން ގައްދޫގެ ބައެއް މަގުތަކަށް އަލަށް އިތުރު ކުރެވުނު ބައިތަކާއެކު ޖުމްލަ ހަ ހާސް ހަތަރު ސަތޭކަ އަށްޑިހަ ފަސް ކިލޯ މީޓަރު ތަރައްޤީ ކުރުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރަންނިންމާފައިވާ މަގުތަކަކީ ޝާރިއުލް އަމީން މަގު، ވައިލެޓް މަގު، އޯކިޑްމަގު، ހަނދުވަރީ މަގު، އަމީރު އަހުމަދުމަގު އަދި ވަތަބަނޑޭރި މަގު ކަމަށް އާރްޑީސީން ހާމަކުރެއެވެ.
އަދި ބައެއް ބައިތައް އަލަށް އިތުރު ކުރެވުނު މަގުތަކަކީ ޝާރިއުލް އަމީން މަގު، ވައިލެޓްމަގު އަދި ހަނދުވަރީ މަގު ކަމަށް އާރްޑީސީން ބުނެފައި ވެއެވެ.
އާރްޑީސީން ބުނީ މި ހުރިހާ މަގުތަކަކީވެސް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ނިންމާފައި މަގުތައް ކަމަށެވެ.
ގައްދޫގައި ތަރައްޤީ ކުރަމުން އަންނަ މަގުތަކުގައި ޖުމްލަ ގޮތެއްގައި މިހާރު ކުރިއަށްދަނީ އެންމެ ފަހު މަރުޙަލާގެ މަސައްކަތްތައް ކަމަށް އާރްޑީސީން ބުނެފައި ވެއެވެ.
އެގޮތުން ގައްދޫގެ ވަށައިގެން އޮންނަ ރިންގް ރޯޑު މަގު ކަމަށްވާ ވަތަބަނޑޭރިމަގުގައި ތާރު އަޅަން ފަށާފައިވާއިރު ޝާރިއުލް އަމީން މަގާއި ވައިލެޓް މަގުގެވެސް މަސައްކަތްތައް ނިމި ތާރު އެޅުމަށްވަނީ ތައްޔާރުވެފައި ކަމަށް އާރްޑީސީން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް