ރާއްޖެ އާއި ކެމްބޯޑިއާ ދެމެދު ހަ އެއްބަސްވުމުގައި ސޮއިކޮށްފި

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 6 އެއްބަސްވުމެއް މިއަދ...

16 Jan 2023 | 12:58

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 6 އެއްބަސްވުމެއް މިއަދު ސޮއިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން ބައިވެރިވަޑައިގެން އެއްބަސްވުންތައް ބަދަލުކުރެއްވިއެވެ.

އެގޮތުން ދިވެހިންނަށް ކެމްބޯޑިއާއަށް ދަތުރުކުރުމުގައި ވިސާ ފަސޭހަކަމާއެކު ހަމަޖައްސައިދެވޭނެ ގޮތް ހެއްދެވުމަށް "ދަ އެގްރީމެންޓް އޮން ވިސާ އެގްޒެމްޕްޝަން ފޮރ ހޯލްޑަރސް އޮފް ޑިޕްލޮމެޓިކް، އޮފިޝަލްސް އެންޑް އޯޑިނަރީ ޕާސްޕޯޓް" ގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދާއި ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން އެޤައުމުގެ ބޮޑުވަޒީރުގެ ނައިބު، އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން، ޕްރަކް ސޮކޮންއެވެ. ރައްޖެއާއި ކެމްބޯޑިއަގެ ޙާރިޖީ ގުޅުންތައް ބަދަހިކުރުމަށްތަކައި ދެ ޤައުމުގެ ފޮރިން މިނިސްޓްރީގެ ފަރާތުން"މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ބައިލެޓަރަލް ކޮންސަލްޓޭޝަންސް".ގެ އިތުރު އެއްބަސްވުމެއްގައިވެސް އެ ދެ ބޭފުޅުން ސޮއިކުރެއްވިއެވެ.

ދެޤައުމުގެ އިގްތިސާދީ ގުޅުންތައް ބަދަހިކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި ކެމްބޯޑިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަންގެ މެދުގައި ބަދަލުކުރެވުނު އެއްބަސްވުމާއި"މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ބައިލެޓެރަލް ކޮންސަލްޓޭޝަންސް"ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒު އިސްމާޢީލެވެ. ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރެއްވީ، ބޮޑުވަޒީރުގެ ނައިބު ޕްރަކް ސޮކޮންއެވެ.

ދިވެހިރާއްޖެ އާއި ކެމްބޯޑިއާގެ ހެލްތް މިނިސްޓްރީގެ މެދުގައި ބަދަލުކުރެވުނު ސިއްހީ ދާއިރާގެ ގުޅުންތައް ބަދަހިކުރުމުގެ "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ހެލްތް ކޯޕަރޭޝަން"އެއްބަސްވުމުގެ އިތުރުން ފަތުރުވެރިކަން އިޝްތިހާރުކޮށް ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓު ކުރުމަށް ފަހިކުރުމަށްޓަކައި ބަދަލުކުރެއްވި "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިން އޮން ޓޫރިޒަމް ކޯޕަރޭޝަން"އެއްބަސްވުން ހިމެނެއެވެ.

ކެމްބޯޑިޔާގެ ބޮޑުވަޒީރު ހުން ސެންގެ މި ދަތުރުފުޅު މާދަމާ ނިންމަވާލައްވައި އެނބުރި ގައުމަށް ވަޑައިގަންނަވާނެކަމުގައި ރައީސް އޮފީހުން ކުރިން ހާމަކުރައްވާފައިވެއެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް