ޖޭޕީގެ ގައުމީ ޖަލްސާ ދާދި އަވަހަށް ބާއްވަފާނެކަމުގެ އިޝާރާތެއް

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނުވަތަ ގައުމީ ޖަލްސާ ވަރަށް އަވަހަށް ބާއްވާނެ ކަމުގައި އެ ޕާޓީން ބުނެފިއެވެ. މިކަން ހާމަކުރެއްވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފެވެ. އަލީ އާރިފް މިއަދު ދެއ...

16 Jan 2023 | 12:40

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނުވަތަ ގައުމީ ޖަލްސާ ވަރަށް އަވަހަށް ބާއްވާނެ ކަމުގައި އެ ޕާޓީން ބުނެފިއެވެ.

މިކަން ހާމަކުރެއްވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފެވެ.

އަލީ އާރިފް މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެ ޖަލްސާއާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެ ޕާޓީގެ އަސާސީ ގަވާއިދުގެ 18 ވަނަ މާއްދާގެ ށ. ގައި ބުނެފައިވަނީ ޕާޓީގެ ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު، ޕާޓީގެ ހުރިހާ މެންބަރުން ތަމްސީލު ކުރެވޭގޮތަށް ގައުމީ ކޮންފަރެންސެއް، މީލާދީ ކޮންމެ ފަސް އަހަރަކުން އޮންނަ، ރިޔާސީ އިންތިހާބު އޮންނަ އަހަރުގެ މާރޗް މަސް ނިމުމުގެ ކުރިން ބާއްވަންވާނެކަށެވެ. އަދި އެ މާއްދާގެ ނ ގައި ބުނެފައިވަނީ އެހެންނަމަވެސް ކައުންސިލުން ނިންމައިފިނަމަ އެއަށްވުރެ އަވަހަށް ނުވަތަ ލަހުން ބޭއްވުމަށް ހުރަހެއް ނެތްކަމަށެވެ.

އާރިފްގެ ވީޑިއޯ މެސެޖު ނިންމަވާލައްވަމުންވެސް ވިދާޅުވީ ދުރު ނޫން މުސްތަގްބަލެއްގައި ގައުމީ ޖަލްސާ ބާއްވާނެ ކަމަށެވެ.

ޖޭޕީން މިހެން ބުނެފައިވާއިރު ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެނޑިޑޭޓަކު ވާދަކުރާނެކަން ކުރިން އެ ޕާޓީން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް އެއީ ސީދާ ކޮންބޭފުޅެއްކަން އަދި ރަސްމީކޮށް އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް