އިދިކޮޅު ޕީޕީއެމްއާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އޮތް ހަމައެކަނި ހިޔާލުތަފާތުވުމަކީ އެ ޕާޓީން އިންޑިއާ އާއި މެދު ދެކޭ ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓް ރައީސް ނަޝީދު މިހެން ވިދާޅުވީ މިހާރު ކުރިއަށް ގެންދަވާ އެމަނިކުފާނުގެ އަމިއްލަ ކެމްޕޭނާއި ބެހޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާއަކީ އަވަށްޓެރި ޤައުމެއް ކަމަށާއި ޖިއޮގްރަފީ ދުލެއް ނުކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގައި އިންޑިއާ އަކީ ވަރަށް މުހިއްމު ބައިވެރިއެއް ކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ސަރަހައްދުގެ ގޮތުން އިންޑިއާ އާއި ރާއްޖެއާއި ދެމެދު މި އޮތް ގުޅުން ކޮންމެ ބަޔަކުވެސް ދަމަހައްޓަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ އިންޑިއާ އާއި މެދު އިދިކޮޅު ޕީޕީއެމް އިން ދެކޭ ގޮތާއި އަމަލުތައް ބަހައްޓާ ގޮތަކީ އެމަނިކުފާނާއި އެ ޕާޓީއާއި ދެމެދު އޮތް ހަމައެކަނި ހިޔާލުތަފާތުވުން ކަމަށެވެ.
މިގޮތުން ނަޝީދު ވަނީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ އެކަޑެމިކް އަދި ތަންދޮރު އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމުގައި ވިދާޅުވެ އިންޑިއާ އާއި ގުޅޭގޮތުން ޕީޕީއެމް އިން ގުޅޭ ވިސްނުން ބަދަލުކުރެއްވުމަށް ޔާމީންގެ އަރިހުން އެދިވަޑައިގަނެފަ އެވެ.
އަދި ހާރިޖީ ސިޔާސަތުގެ ކަންކަމުގައި ސަރުކާރާއި އިދިކޮޅު ޕާޓީ ޕީޕީއެމް އާއި އެއް ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމާއި ޔާމީނާ މެދު އެއްވެސް ރުޅިވެރިކަމެއް އެ މަނިކުފާނުގެ ނެތް ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުން ޕީޕީއެމްގެ މެންބަރުން ވެސް އެ މަނިކުފާނަށް މަރުހަބާ ދެންނެވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް