އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހަދާނަން: ނަޝީދު

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހަދާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަ...

16 Jan 2023 | 10:57

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހަދާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހައްދަވާނެކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވަމުން ގެންދަވަނީ، އެމްޑީޕީގައި އިންތިޚާބު ކާމިޔާބު ކުރެވޭވަރުގެ ނަންބަރެއް ނެތް ކަމަށާއި އެމްޑީޕީއަށް އެކަނި އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓް ރައީސް ނަޝީދު މިހެން ވިދާޅުވީ މިހާރު ކުރިއަށް ގެންދަވާ އެމަނިކުފާނުގެ އަމިއްލަ ކެމްޕޭނާއި ބެހޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ޑިމޮކްރޮޓިކް ނިޒާމު ގަނޑުބަޑުނުކޮށް ކުރިއަށް ގެންދިޔުމަކީ ބޭނުންތެރި ކަމެއް ކަމަށާއި ގަނެއްވިއްކާ އުސޫލުން ސިޔާސީ އެއްބަސްވުންތައް ވެގެން ސިޔާސީ ހަރަކާތް ހިންގުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރެހެއް ކަމަށެވެ.

މީގެ އިތުރުން ގަނެއްވިއްކުމުގެ އުސޫލުން އެހެން ޕާޓީތަކާއި ވާހަކަ ދައްކައިގެން، ރައްޔިތުނަށް އޮތް ފުރުސަތު ފުރަތަމަ ބުރުގައި ނަގާލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން  އެމްޑީޕީން ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވާދަކުރައްވާ އިރު، އަނެއްކޮޅުން ވާދަކުރައްވަނީ އެމްޑީޕީގެ އިސް ލީޑަރު ރައީސް ޞާލިހެވެ.

މި ދެބޭފުޅުން ވެސް ފޯރިއާއެކު ކެމްޕެއިން ކުރައްވަމުން ގެންދާއިރު މިއީ ފަހުގެ ތާރީހެއްގައި އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ވާދަވެރި އިންތިޚާބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް