ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާއިން ސްޕެނިޝް ސުޕަރ ކަޕް ތަށި އުފުލާލައިފި

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު ވާދަވެރި ބާސެލޯނާއިން ސްޕެނިޝް ސުޕަކަޕް ކާމިޔާބުކޮށްފި އެވެ. ރިޔާދުގެ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރެއާލްގެ މައ...

16 Jan 2023 | 04:23

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު ވާދަވެރި ބާސެލޯނާއިން ސްޕެނިޝް ސުޕަކަޕް ކާމިޔާބުކޮށްފި އެވެ.

ރިޔާދުގެ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރެއާލްގެ މައްޗަށް ބާސެލޯނާ އިން ކުރިހޯދީ 1-3 ގެ ނަތީޖާއިންނެވެ.

ރޭ ކުޅުނު މެޗު ފަށައިގެން ބާސެލޯނާ އިން ރަނގަޅަށް ކުޅެމުންދިޔައިރު، މެޗުގެ 33 ވަނަ މިނިޓްގައި އެ ޓީމުން ވަނީ ލަނޑު ޖަހައި މެޗުގެ ލީޑުނަގާފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިން މި ލަނޑު ޖަހައިދިނީ ރޮބަޓް ލެވަންޑޯސްކީ ދިން ބޯޅައަކުން މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ގަވީ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އިން ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކުރިއިރު، މި ލަނޑު ބާސާއަށް ޖަހައިދިނީ ގަވީ ދިން ބޯޅަ އަކުން ރޮބަޓް ލެވަންޑޯސްކީ އެވެ.

ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން ފަސް މިނިޓް ތެރޭ ބާސެލޯނާ އަށް ތިން ވަނަ ލަނޑެއް ޖަހަން ވެސް ހުސް ފުރުސަތެއް ލިބުނެވެ. ނަމަވެސް ބާސެލޯނާގެ އަލެހަންދްރޯ ބާލްޑޭ ތަނަވަސް ކޮށްދިން ހުސްފުރުސަތު ބޭކާރުކޮށްލީ އޮސްމާން ޑެމްބެލޭއެވެ. އޭނާ ޖެހި ބޯޅަ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 69 ވަނަ މިނިޓްގައި ބާސެލޯނާގެ ތިން ވަނަ ލަނޑު ޖެހީ ޕެޑްރީ އެވެ. މިއީ އޭރިއާތެރެއިން ގަވީ ހުރަސްކޮށްލި ބޯޅައަކަށް ހުސްކޮށް އަރައި، ޕެޑްރީ ޖެހި ލަނޑެކެވެ.

ރެއާލްގެ ހަމަ އެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން ކަރީމް ބެންޒެމާއެވެ.

މިއީ ސްޕެނިޝް ސުޕަކަޕް ބާސާއިން ހޯދި 14 ވަނަ ފަހަރެވެ. ރެއާލް އަށް ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކުރެވިފައިވަނީ 12 ފަހަރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް