ނޭޕާލުގައި 72 ދެމީހުން ގޮވައިގެން ދަތުރު ކުރި މަތިންދާ ބޯޓެއް ވެއްޓި އިއްޔެ ހިނގި ހާދިސާ އަކީ މިދިޔަ 30 އަހަރު ތެރޭގައި އެގައުމުގައި ހިނގި އެންމެ ނުރައްކާތެރި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފި އެވެ.
އެ ބޯޓު ދަތުރު ކުރީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއިން 200 ކިލޯމީޓަރު ދުރުގައި އޮންނަ ޕޮކާރާއަށެވެ. ފްލައިޓު ވެއްޓިފައިވަނީ އެ ސިޓީގައި ޖެއްސުމަށް ކައިރިވެފައި ވަނިކޮށެވެ.
ނޭޕާލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ އިއްޔެ ހިންގި ސާޗް އެންޑް ރެސްކިއު މިޝަންގައި 68 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި މިއަދު ބާކީ ހަތަރު މީހުންގެ ހަށިގަނޑު ހޯދުމަށް ހެނދުނު މަސައްކަތް ފަށާނެ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ނޭޕާލް، އިންޑިއާ، އޮސްޓްރޭލިއާ، އިނގިރޭސިވިލާތުގެ ރައްޔިތުން ހިމެނެ އެވެ.
މިހާތަނަށް ފެނިފައިވަނީ 37 ފިރިހެނުންނާއި، 25 އަންހެނުންނެވެ. އަދި ތިން ކުޑަކުދިންނާއި އުރުމަތީ ގެންގުޅޭވަރުގެ ތިން ކުދިންނެވެ.
ނޭޕާލްގެ އެއާލައިނެއް ކަމަށްވާ ޔެޓީ އެއާލައިންގެ އެ މަތިންދާ ބޯޓު ވެއްޓެން ޖެހުނު ސަބަބު އަދި ނުހޯދެ އެވެ. އެކަމަކު ރިޕޯޓުތައް ބުނާގޮތުގައި ބޯޓު ނައްޓާލިތާ 80 މިނެޓް ގައި އެއާޓްރެފިކް ކޮންޓޯލާއި ބޯޓާއި ގުޅުން ކެނޑިފައިވާ ކަމަށެވެ.
އެގައުމުގެ އޭވިއޭޝަން ސޭފްޓީ އާއި ހަވަލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ 30 އަހަރު ތެރޭގައި މިހާ ގިނަ ބަޔަކު މަތިންދާ ބޯޓެއް ވެއްޓުމުގެ ހާދިސާއެއްގައި މަރުވެފައެއް ނުވެ އެވެ.
އެންމެ ފަހުން 1992 ވަނަ އަހަރު ނޭޕާލުގެ ސަރަހައްދުގައި ތައި އެއާވޭސްގެ މަތިންދާ ބޯޓެއް ވެއްޓި 113 މީހުން މަރުވި އެވެ. އަދި ޕާކިސްތާން އެއާލައިންސްގެ ފްލައިޓެއް ވެއްޓި 167 މީހުން އެ އަހަރު މަރުވި އެވެ.
ނޭޕާލަކީ ފަރުބަދަމަތީ ގައުމަކަށް ވާތީ މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާތައް ހިނގުން އިތުރު ގައުމެކެވެ. އެކަމަކު މިއީ އެގައުމުގެ ތާރީހުގައި މަތިންދާ ބޯޓެއް ވެއްޓިގެން ހިނގި ތިން ވަނައަށް އެންމެ ނުރައްކާތެރި ހާދިސާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް