ކޮންމެ އިންސާނެއްގެ ގާތުގައި ވެސް އޭނާއަށް ވަސްވާސްދީ، ފާހިޝް ޢަމަލުތައް ޒީނަތްތެރިކޮށްދޭނޭ ޝައިޠާނަކު ވެއެވެ. ކޮންމެ އިންސާނެއްގެ ކައިރީގައިވެސް އޭނާއަށް ވަސްވާސްދޭނޭ ޝައިޠާނަކު ހުންނާނޭކަން ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްތަކުންވެސް ސާބިތުވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
«مَا مِنْكُمْ مِنْ أَحَدٍ، إِلَّا وَقَدْ وُكِّلَ بِهِ قَرِينُهُ مِنَ الْجِنِّ» قَالُوا: وَإِيَّاكَ؟ يَا رَسُولَ اللهِ قَالَ: «وَإِيَّايَ، إِلَّا أَنَّ اللهَ أَعَانَنِي عَلَيْهِ فَأَسْلَمَ، فَلَا يَأْمُرُنِي إِلَّا بِخَيْرٍ» رواه مسلم މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކާއެކު (ވަސްވާސްދޭނޭ) ޖިންނިއެއްވެއެވެ." ޞަޙާބީން ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނާއެކުގައިވެސް ވޭތޯއެވެ." ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނާ އެކުގައިވެސްމެއެވެ. ނަމަވެސް މާތް ﷲ ވަނީ އޭނާގެ މައްޗަށް ތިމަންކަލޭގެފާނަށް އެހީތެރިވޮޑިގެން، ސަލާމަތް ކޮށްދެއްވާފައެވެ. އޭނާ ތިމަންކަލޭގެފާނަށް ހެޔޮ ކަމަކަށްމެނުވީ އަމުރު ނުކުރެއެވެ."
މިޙަދީޘްފުޅުގައި އެވާ، فَأَسْلَمَ މިކަލިމައިގެ ދެ މުރާދެއްވެއެވެ. އެއް މާނައަކީ އެ ޝައިޠާނާ އިސްލާމުވުމެވެ. އަނެއް މުރާދަކީ އެޝައިޠާނާގެ ކިބައިން ކީރިތި ރަސޫލާ صلى الله عليه وسلم ، ސަލާމަތްވެގެންވުމެވެ. ވީމާ، އެ ޝައިޠާނާ، އިތުރު އެކަލޭގެފާނަށް ނުބައިކަންކަމަށް އަމުރު ނުކުރައްވާނޭ ކަމުގައިވެސް ވަނީ ބަޔާންކޮށްދެއްވާފައެވެ.
ވަސްވާސަކީ ޝައިޠާނާ އިންސާނާގެ ހިތަށް ވައްދާ ފިކުރުތަކާއި ވަހުމުތަކެވެ. އޭގައި އެއްވެސް ޙަޤީޤަތެއްނެތް ޚިޔާލުތަކެވެ. ޝައްކުތަކާއި ވަސްވާސްތަކަކީ ޝައިޠާނާގެ ނުބައި ރޭވުންތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އީމާންވީ މީސްތަކުން، ފާފަތަކާއި، ނުބައި ޢަމަލުތަކަށް ގެންދިޔުމަށް މަގުފުރެއްދުމުގެ މަސައްކަތް ކާމިޔާބު ނުވުމުން، ހެޔޮ ޢަމަލުތަކަށް ހުރަސް އެޅުމަށް ޝައިޠާނާގެ ދަންތުރަތަކުގެ ތެރެއިން ހިމެނޭކަމެކެވެ.
އިބްނު ޢައްބާސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. الوَسْوَاسِ الخَنَّاس އެބަހީ: އެ ޝައިޠާނާ އާދަމުގެ ދަރިޔާގެ ހިތުތެރެއަށް ވަދެގަނެ، އޭނާ ޣާފިލުވެއްޖެނަމަ ވަސްވާސްތައް ހިތަށް ވައްދައެވެ. އަދި މާތް ﷲ ޒިކުރު ކުރުމުން އޭނާ ފަސްޖެހި ފިލައި ދެއެވެ."
ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމުގައި، އަބޫ ހުރައިރާ رضي الله عنه ގެ ކިބައިންރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ނަމާދަށް ބަންގި ގޮވާހިނދު (ބަންގީގެ އަޑު ނޭހުމައްޓަކައި) ޝައިޠާނާ ވައިބޭރުކުރަމުން ފުރަގަސްދީ ދުއްވައިގަނެއެވެ. ފަހެ، ބަންގިދީ ނިމުމުން، އެކަލޭގެ އަނެއްކާވެސް އެނބުރި އާދެއެވެ. އަދި ޤަމަތް ދޭން ފެށުމާއެކު (އެ އަޑު ނޭހުމަށް) އެކަލޭގެ އަނެއްކާވެސް ފުރަގަސްދީ ދުއްވައިގަނެއެވެ. ޤަމަތްދީ ނިމުމުން، އެ ކަލޭގެ އެނބުރި އާދެއެވެ. އަދި އިންސާނާގެ ނަފުސަށް ވަސްވާސްތެރިކަން ވެއްދުމުގައި، އެ ކަލޭގެ އަވަދިނެތި މަސައްކަތް ކުރެއެވެ. ނަމާދަށް ހުންނަ މީހާއަށް އެ ކަލޭގެ ބުނެއެވެ. އެވެނި ކަމެއް ހަނދާންކޮށް ބަލާށެވެ. މިވެނި ކަމެއް ހަނދާންކޮށް ބަލާށެވެ. މި ގޮތުން ކުރިން އޭނާގެ ހިތަށް ނުވެސް އަންނަ އެތައް ކަމެއް ހަނދާންކުރުވައެވެ. އެންމެފަހުން، ތިމާއަށް ކުރެވުނީ ނަމާދުގެ ކިތައް ރަކުޢަތްކަންވެސް އޭނާއަށް ހަނދާން ނައްތުވައިލައެވެ.
ވީމާ، މާތް ﷲ އަށް އީމާންވެ، އަޅުކަމުގައި ދެމިހުރެއްޖެ އަޅަކަށް އެޝައިޠާނާގެ ކިބައިން ސަލާމަތްވުމަކީ ދާދި ފަސޭހަކަމެކެވެ. ނަމަވެސް ޣާފިލުކަމާއި، އުރެދުންތަކަށް އަރައިގަތުމުގެ މަގު ޚިޔާރުކޮށްފި މީހަކު ޝައިޠާނާގެ ދަންތުރަތަކުގައި ޖެހި، އެކަމުން ސަލާމަތްވުން އެނދަގޫވެގެން ދެއެވެ. އާޚިރުގައި ސަލާމަތްކަން އޮތީ މާތް ﷲ އަށް ބިރުވެތިވެ ތަޤުވާވެރިވީ އަޅުންނަށެވެ.
ދީނީ ޢިލްމުވެރިންގެ ފަތުވާތަކުން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް