ޖަލުގައި ހުންނެވި މުއްދަތަށްވާ 2.4 މިލިއަން ރުފިޔާ ރައީސް ޔާމީނަށް ޖަމާކޮށްދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމް އިއްވައި ބަންދުގައި ހުރި ދެ އަހަރު ދުވަހުގެ އިނާޔަތް އެމަނިކުފާނަށް ޖަމާކޮށްދީފި އެވެ. މަނީލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނި...

16 Jan 2022 | 11:21

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމް އިއްވައި ބަންދުގައި ހުރި ދެ އަހަރު ދުވަހުގެ އިނާޔަތް އެމަނިކުފާނަށް ޖަމާކޮށްދީފި އެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމް އިއްވީ2019 ވަނަ އަހަރުގެ ނޮވެމްބަރު28 ވަނަ ދުވަހު އެވެ. އެ ހުކުމް ބާތިލް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ30 ވަނަ ދުވަހު އެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫން މިއަދު ވިދާޅުވީ ޔާމީންގެ ގާނޫނީ ވަކީލުންގެ ހުށަހެޅުއްވުން ދިރާސާކޮށް، އެމަނިކުފާނަށް ގާނޫނީ ގޮތުން ލިބެން ޖެހޭ އިނާޔަތް މިދިޔަ ހަފުތާގައި ޖަމާކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އިނާޔަުގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށެވެ.

މިދިޔަ ޑިސެމްބަރުގެ އިނާޔަތްތައް ވެސް ޖަމާކޮށްފައިވާ ކަމަށް ޝަނޫން ވިދާޅުވި އެވެ.

އިނާޔަތް ޖަމާކޮށްދިނީ މިނިވަންވުމާއި އެކު ވަކީލުންގެ ޓީމުން ފިނޭންސް މިނިސްޓްރީއަށް އެ ފައިސާ ހޯދުމަށް ސިޓީ ފޮނުވުމުންނެވެ.

ގާނޫނު އަސާސީއަށް ގެނައި އިސްލާހުގައި ވާގޮތުން އެއް ދައުރު ފުރިހަމަކޮށްފައިވާ ކުރީގެ ރައީސުންނަށް މުސާރައިގެ ގޮތުގައި މަހަކު50،000 ރުފިޔާ ލިބެ އެވެ. ދިރިއުޅުއްވާ ތަނުގެ ހަރަދަށް 50،000 ރުފިޔާ ލިބޭއިރު އޮފީސް ހިންގުމުގެ ހަރަދަށް 175،000 ރުފިޔާ އަދި  ބޭސްފަރުވާގެ ހަރަދަށް 700،000 ރުފިޔާ ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް