ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައި ވަގުީ ގޮތުން އަރަބިއްޔާ ސްކޫލް ހިންގަން ފަށައިފި އެވެ.
ހުޅުމާލޭ ފެރީ ޓާމިނަލް ކައިރި ހުންނަ އެ އިމާރާތަކީ މިހާރުގެ ފޮރިން މިނިސްޓްރީ މަރާމާތު ކުރަން ވެގެން އެ މިނިސްޓްރީ ހިންގިތަނެވެ. އޭގެ ކުރިން އެ އިމާރާތުގައި ހިންގީ އެމްޓީސީސީ ސޯމިލް އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަރަބިއްޔާ ސްކޫލްގެ ދަރިިވަރުން މިއަދު ދެ ވަނަ ޓާމުގެ ކިޔެވުން އެ އިމާރާތުގައި ފަށާފައިވާ ކަމަށެވެ. އެ އިމާރާތުގައި ދަރިވަރުންނަށް ކިޔަވައި ދޭން ފެށުމަށް މިނިސްޓްރީން ވަނީ ބަޔަކާއި ހަވާލުކޮށްގެން ޑިޒައިނަށް ބަދަލު ގެނެސްގެން މަރާމާތުތަކެއް ކޮށްފަ އެވެ.
އަރަބިއްޔާ ސްކޫލް އިމާރާތުގެ ތަނބުތަކުގައި ރެނދުލައިފަވާތީ އެތަނުގައި ދަރިވަރުންނަށް ކިޔަވައިދިނުން އެކަށީގެން ނުވާކަމަށް އެ މައްސަލައިގަ ހެދި އެސެސްމެންޓު ރިޕޯޓުގައި ވަނީ ހާމަކޮށްފަ އެވެ. އެހެންވެ އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ވަގުތީ ގޮތުން އަރަބިއްޔާގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރާށެވެ.
ފޮރިން މިނިސްޓްރީ އިމާރާތަށް އަރަބިއްޔާ ބަދަލު ކުރަނީ އެޑިއުކޭޝަންގެ އެ ނިންމުމާއި މެދު ހިތް ހަމަ ނުޖެހިގެން އަރަބިއްޔާގެ ބެލެނިވެރިން އިހުތިޖާޖުކޮށް، ރައީސް، ނައިބު ރައީސް އަދި އެޑިއުކޭޝަން މިނިސްޓަރާއި ވެސް ބައްދަލުކޮށް ޝަކުވާ ހުށަހެޅުމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އަރަބިއްޔާ ޕީޓީއޭއިން ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އިއްޒުއްދީންގައި ދެ ސްކޫލްގެ މެނޭޖްމެންޓު ވަކިން ހިންގުމަކީ އުނދަގޫ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައި ކަމަށެވެ.
މީގެ އިތުރުން ދާއިމީ ހައްލުގެ ގޮތުގައި އަރަބިއްޔާ ސްކޫލް ބާ ޖަމާލުއްދީނު ސްކޫލް ބިމުގެ ބައެއްގައި އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް