ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފްގެ މަގާމުގައި ހުންނެވި ބޭފުޅަކު ފުރަތަމަ ފަހަރަށް ރާއްޖެއަށް ޒިޔާރަތް ކުރައްވައިފި

ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފްގެ މަގާމުގައި ހުންނެވި ބޭފުޅަކު ފުރަތަމަ ފަހަރަށް ރާއްޖެއަށް ޒިޔާރަތް ކުރައްވައިފިއެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވަނީ ބަންގްލަދޭޝްގެ ޗީފް އޮފް ނޭވ...

16 Jan 2022 | 07:39

ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފްގެ މަގާމުގައި ހުންނެވި ބޭފުޅަކު ފުރަތަމަ ފަހަރަށް ރާއްޖެއަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެގޮތުން ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވަނީ ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އެމް ޝާހީން އިޤްބާލެވެ.

އޭނާ ވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ޒިޔާރަތުގައި އެމްއެންޑީއެފްގެ އޮފިސަރުންނަށާއި ސެއިލަރުންނަށް ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއެކު ރާއްޖެއިން ވަނީ މަޝްވަރާކޮށްފައެވެ.

ބަންޑާރަކޮށީގައި އޮތް މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ މާރިޔާ ވަނީ، ދެޤައުމުގެ ދެމެދުގައިވާ ގާތް، ބަދަހި ގުޅުން ފާހަގަކުރައްވާ، ދެޤައުމު ހިމެނޭ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ދިފާޢީ އަދި ސަލާމަތީ ރޮނގުން، އެއްބާރުލުން އިތުރުކުރުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، އެމްއެންޑީއެފްއާއި ބަންގްލަދޭޝް ނޭވީއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

މިއީ ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފްކަމުގައި ހުންނަވާ ބޭފުޅަކު ރާއްޖެއަށް ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރު ކަމަށްވާތީ، މިކަމުން ދޭހަކޮށްދެނީ ދެޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އަދި ދިވެހި ސަރުކާރުން ގެންގުޅުއްވާ އިންޓަރނޭޝަނަލް ޑިފެންސް ޑިޕްލޮމަސީ އެންޑް ކޯޕަރޭޝަން ސިޔާސަތުގެ ހަރުދަނާކަން މިކަމުން ރަމްޒުކޮށްދޭކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މިބައްދަލުވުމަށްފަހު، މިނިސްޓަރ މާރިޔާ ވަނީ، އެޑްމިރަލް ޝާހީންގެ އަނބިކަނބަލުން އަދި ބަންގްލަދޭޝް ނޭވީ ފެމިލީ ވެލްފެއަރ އެސޯސިއޭޝަންގެ ރައީސާ މުނީރާ ރައުޝަން އަޚްތަރާ ފޯނުން ވާހަކަފުޅުދައްކަވައި، އެކަމަނާއަށް ހެޔޮ އެދުންތައް ރައްދުކުރައްވައި، ރާއްޖެ ޒިޔާރަތްކުރެއްވީތީ ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް