ކޮމިއުނިޓީ ސާވިސް އަދަބު ތަންފީޒުކުރާނެ ގޮތުގެ ގަވާއިދު ވުޖޫދަށް - ބޮޑެތި ޒިންމާތަކެއް ކަރެކްޝަންސަށް

މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު އިއްވާ ފަރާތްތަކަށް އެ އަދަބު ތަންފީޒުކުރާނެ ގޮތުގެ ގަވާއިދު މިއަދު އާންމުކޮށް އެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ. "ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދ...

16 Jan 2022 | 07:01

މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު އިއްވާ ފަރާތްތަކަށް އެ އަދަބު ތަންފީޒުކުރާނެ ގޮތުގެ ގަވާއިދު މިއަދު އާންމުކޮށް އެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

"ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒުކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަމަލުކުރާނެ ގޮތުގެ ގަވާއިދު "ގައިވާގޮތުގައި  މި ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިންނެވެ.

މުޖްތަމައަށް ހިދުމަތްކުރުމުގެ އަދަބު ތަންފީޒުކުރެވޭނެ ތިންގޮތް

  • ހަމައެކަނި މުޖުތަމައަށް ހިދުމަތްކުރުމުގެ އަދަބު
  • ޖަލު އަދަބާއެކު މުޖުތަމައަށް ހިދުމަތްކުރުމުގެ އަދަބު
  • ގޭބަންދުގެ އަދަބާއެކު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު

އެ ގަވާއިދުގައި ބުނެފައިވާގޮތުގައި މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ތަންފީޒުކުރަންވާނީ ގައިދީއަށް އުޖޫރައެއް ލިބޭގޮތަކަށް ނޫނެވެ.

އަދަބު ތަންފީޒުކުރުމުގައި ، އަބަދު ތަންފީޒުކުރުމަށް ގައިދީ ބޭނުންވާގޮތް ބަލަންވާނެ ކަމަށާއި ގައިދީގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަންހުރި މިންވަރު

ބަލަންވާނެ ކަމަށާއި އަދި ޖަލުގެ ހާލަތަށް ރިއާޔަތްކުރަންވާނެކަމުގައި ބުނެފައިވެއެވެ. ގައިދީގެ ދިރިއުޅުމުގެ ހާލަތާއި ގައިދީގެ އާއިލީ ހާލަތާއި ގައިދީގެ މާލީ ހާލަތަށްވެސް ރިއާޔަތްކުރަންވާނެކަމަށް ބުނެފައިވެއެވެ.

"އެމީހެއްގެ މައްޗަށް މުޖުތަމައަށް ހިދުމަތް ކުރުމުގެ ކުށުގެ އަދަބު ތަންފީޒުކުރުމަށް ހުކުމް ކުރާ ދުވަހުން ފެށިގެން 48 ގަޑިއިރުތެރޭގައި، އެމީހެއްގެ މައްޗަށް ކޮށްފައިވާ އަދަބުގެ ބާވަތާއި، ތަބީއަތާއި، އެމީހެއްގެ އިޖުތިމާއީ ހާލަތާއި، އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް އަދި އޭނާގެ ކިބައިގައި ހުރި ހުނަރުތަކާއި އިތުރަށް ތަރައްގީކުރަން ބޭނުންވާ ހުނަރުތައް ދެނެގަނެ، އަދަބު ކަނޑައެޅުނު ފަރާތުގެ ވަށައިޖެހޭ އެސެސްމަންޓެއް ކަރެކްޝަންސް އިން ހަދަންވާނެއެއެވެ. އަދި އަދަބު ތަންފީޒުކުރުމުގައި ނިންމާ ނިންމުންތައް މި އެސެސްމަންޓްގެ ހޯދުންތަކުގެ މައްްޗަށް ބިނާކުރަންވާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ އެސެސްމަންޓް ގައިދީއަށް ލިޔުމުން ދޭންވާނެއެވެ. " އެ ގަވާއިދުގައި ކަރެކްޝަންސްގެ މައްޗަށް މިކަން ލާޒިމުކޮށްފައިވެއެވެ.

އެ ގަވާއިދުގައި ބުނެފައިވާގޮތުގައި އެސެސްމަންޓް ނިމޭތާ 72 ގަޑިއިރުތެރޭގައި ހިދުމަތެއް ކުރުމަށްޓަކައި، އަދަބު ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ރަށެއްގައި ހުރި އެ ހިދުމަތަކާ ގުޅޭ އޮފީހަކާ ނުވަތަ ކުންފުންޏަކާ މަޝްވަރާކޮށް، އެ ހިދުމަތް ގައިދީ ކުރިއަށްގެންދާނޭގޮތާ ގުޅޭގޮތުން ގައިދީއާއެކު ކަރެެކްޝަންސުން އެއްބަސްވުމުގައި ސޮއިކުރަންވާނެއެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ 48 ގަޑިއިރުގެ ތެރޭގައި އެމީހެއް އަދަބު ތަންފީޒުކުރަން ފަށަންވާނެއެވެ.

އަދަބު ތަންފީޒުކުރާނެ ތަނެއް ކަނޑައެޅުމުގައި އެންމެ ފުރަތަމަ ބަލަންވާނީ، އެމީހަކު ދިރިއުޅޭ ރަށެއްގައި އެ ހުކުމެއް ތަންފީޒުކުރުމަށް ކަމުގައި ބުނެފައިވެއެވެ.

މުޖުތަމައަށް ހިދުމަތްކުރުމުގެ އަދަބު ކަނޑައަޅާފައިވާ ފަރާތްތަކުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ކަނޑައަޅާފައިވާ މަސައްކަތްކުރުމަށް ކަނޑައެޅޭ އޮފީހަކީ ނުވަތަ ކުންފުންޏަކީ އެ ގައިދީގެ މަސްލަހަތު އެކުލެވިފަިނުވާ ކުންފުންޏއް ނުވަތަ އޮފީހެއްކަމުގައި ކަރެކްޝަންސުން ކަށަވަރު ކުރަންވާނެކަމަށާއި އުޅޭނޫޅޭގޮތް ގާދުން ބެލުމުގެ އަދަބު ކަނޑައަޅައިފިނަމަ ގައިދީއާއެކު ކަރެކްޝަންސުން އެއްބަސްވުމެއް އެކުލަވައިލުން، މޮނިޓަރިންގ އޮފިސަރެއް ކަނޑައަޅަންވާނެކަމަށްވެސް ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވާގޮތުގައި އެ ރަށެއްގައި އަދަބު ތަންފީޒުކުރާ އިދާރާގެ ގޮތްޕެއް ގާއިމުކޮށްފައިވާނަމަ އެރަށެއްގެ ކައުންްސިލްތަކާ ނުވަތަ ފުލުހުން މެދުވެރިކޮށް ގައިދީ މޮނީޓަރ ކުރުމަށް ޕްރޮބޭޝަން އޮފިސަރެއް ކަނޑައެޅިދާނެއެވެ.

މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު އިއްވަން ފެށިނަމަވެސް މިކަން ތަންފީޒު ނުކުރެވި އޮތީ މި ގަވާއިދު/އުސޫލު ނުނިމިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް