ގެއްލުނު ފަތުރުވެރިޔާ އަދި ނުފެނޭ، މިދަނީ ހޯދަމުން: އެމްއެންޑީއެފް

މިދިޔަ ބުދަދުވަހު ޑައިވިނަށް ފޭބިފަހުން ގެއްލިގެން ހޯދަންފެށި ފަތުރުވެރިޔާ އަދި ނުފެންނަކަމަށާއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މި ފަތުރުވެރިޔަކީ އދ.މަންދޫ ކައި...

16 Jan 2022 | 06:14

މިދިޔަ ބުދަދުވަހު ޑައިވިނަށް ފޭބިފަހުން ގެއްލިގެން ހޯދަންފެށި ފަތުރުވެރިޔާ އަދި ނުފެންނަކަމަށާއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި ފަތުރުވެރިޔަކީ އދ.މަންދޫ ކައިރި ފަރަކަށް ޑައިވުކުރަންދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން ފަތުރުވެރިއެކެވެ. ހޯދަމުން ދަނީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެކެވެ.

ސާޗް އެންޑް ރެސްކިއުގެ މި އޮޕަރޭޝަނާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން މިއަދު ބުނެފައިވަނީ  ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް "ވެލާނާ" ދަނީ ޑައިވަރުންނާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

"ސާފޭސް ސާރޗްގެ އިތުރުން، ޑައިވް ކޮށްގެން ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން. މިމަސައްކަތުގައި އެސަރަހައްދުގެ ރިސޯޓްތަކުގެ ޑައިވަރުން ވެސް ހަރަކާތްތެރިވަމުންދޭ. އަދި މިއަދު ވައިގެ މަގުންވެސް ސާރޗްކުރިއަށް ދާނެ.

މިހާތަނަށް ކުރެވުނު މަސައްކަތުން ފަތުރުވެރިޔާ އަދި ފެނިފައެއްނުވޭ." އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ކުރިން ބުނެފައިވަނީ އެ ސަރަޙައްދުން ދަތުރުކުރި ސީޕްލޭންތައް މެދުވެރިކޮށް އެ ސަރަޙައްދު ވަނީ ބަލާފައި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހިންގަމުންދާ މި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް