ޓާމް ބަންދަށް ފަހު ރާއްޖޭގެ ސްކޫލްތަކުގައި ދެ ވަނަ ޓާމްގެ ކިޔެވުން މިއަދު ހެނދުނު ފަށައިފިއެވެ.
ފުރަތަމަ ޓާރމްގެ ބަންދަށް ލިބުނު 3 ހަފްތާގެ ޗުއްޓީ އަށް ފަހު ސްކޫލްތަކުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާފައިވާއިރު ކޯވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުންދާތީވެ، އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ފިޔަވަޅު ތަކެއް އަޅާފައެވެ.
އެގޮތުން މާލޭގައި ގްރޭޑް 8 ފެށިގެން ދަށް ގުރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ދާން ޖެހެނީ ހަފްތާއަކު ދެ ދުވަހު ކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވެއެވެ.
ނަމަވެސް ސްކޫލްތަކުން ބޭނުންނަމަ ފަސް ދުވަހުވެސް ދަރިވަރުން ސްކޫލަށް ހާޒިރު ކޮށްގެން ކިޔެވުން ކުރިއަށް ގެންދެވޭނެއެވެ. އަދި ސްކޫލްގައި ކިޔަވައިދޭ ދަންފަޅި ކުރު ކުރުމަށާއި ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުން ބެލުމާއި، އަތް ދޮވުމަށް އަންގާފައި ވެއެވެ.
ކްލާސްރޫމްތަކުގައި ދަރިވަރުން ތިބޭ އިރު ތިން ފޫޓްގެ ދުރުމިނެއް ބެހެއްޓުމަށް އެޑިޔުކޭޝަނުން އަންގާފައި ވެއެވެ.
ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށިފައިވާއިރު އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ވަގުތީ ސްކޫލެއްގެ ގޮތުގައި ބޭނުން ކުރާނީ ކުރީގެ ފޮރިން މިނިސްޓްރީގެ އިމާރާތް ކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން، ސަރުކާރުން ސެޓެލައިޓް ސްކޫލް ޤާއިމްކޮށްފައިވާ ބ. ފެހެންދޫ އަދި ވ. ތިނަދޫ ސްކޫލްގައި ވެސް ކިޔެވުން ވަނީ ފެށިފައެވެ.
އެގޮތުން އެ ސްކޫލްތަކުގައި ކިޔެވުން ކުރިއަށް ދާނީ ހުރަވީ ސްކޫލް މެދުވެރިކޮށް ދަރިވަރުންނާއި ޓީޗަރުން ހާޒިރުވެ ތިބެ ވީޑިއޯ މެދުވެރިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް