ޓޮންގާގެ ކަނޑުއަޑީގެ އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން ޖަޕާނަށް އިތުރު ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރާއި އެކު އެމެރިކާއަށްވެސް ސުނާމީގެ އިންޒާރު ނެރެފި އެވެ.
ޓޮންގާގެ ހަންގާ ޓޮންގާ ހަންގާ ހާއަޕާއީ އަލިފާން ފަރުބަދަ ގޮވީ އިއްޔެ ފަތިހުގެ ވަގުތެއްގައި އެވެ. އަލިފާން ފަރުބަދަ ގޮވުމުން އެ ގައުމުގެ ހުރިހާ ސަރަހައްދަކަށް ސުނާމީ އަރައި ހުރިހާ ސަރަހައްދަކުންހެން ކަރަންޓު ދިޔަ އެވެ.
ލިބުނު ގެއްލުންތައް އަދި އެ ގައުމުން ހާމަ ނުކުރާއިރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ ބޮޑެތި ރާޅުތައް ރަށުތެރެއަށް އަރައިގެން އަންނަތަނެވެ. އަދި މަގުމަތީގައި ޖަހާފައިވާ ޓިނުތަކާއި އެނޫންވެސް ތަކެތި އޮޔާދާތަން ފެންނަ އިރު ގެތަކާއި ފައްޅިތަކާއި ފިހާރަތަކަށް ފެން ވަދެ އެވެ.
މި ގޮވުމާއި ގުޅިގެން ޖަޕާނަށް ރޭ ފުރަތަމަ ސުނާމީ އެރީ ސުނާމީ ނާރާނެ ކަމަށް ލަފާކޮށްފައި ވަނިކޮށެވެ. 1.2 މީޓަރުގެ އެ ސުނާމީ އެރީ އޮޝިމާ އައިލެންޑުގެ ކޮމިނާޓޯ ޑިސްޓްރިކްޓަށެވެ. މިފަހަރު ސުނާމީ އަރާނެ ކަމުގެ އިންޒާރު ދީފައިވަނީ ޖަޕާންގެ ދެކުނުގެ ސަރަހައްދަށެވެ.
އެމެރިކާއަށް ނެރުނު ސުނާމީ އިންޒާރުގައި ބުނީ އައްސޭރި ފަށުގެ ސަރަހައްދަށް ދިޔަވަރު ބޮޑުވެ ބޮޑެތި ރާޅު އަރާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
ޓޮންގާގެ އަލިފާން ފަރުބަދަ ގޮވުމުން ގުޑުން އެރި އިތުރު ގައުމުތަކުގެ ތެރޭގައި ފިޖީ އާއި ވަނުއާޓޫ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް