އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އެސްޓަން ވިލާއާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ރަށުން ބޭރުގައި އެސްޓަން ވިލާއާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ.
މެޗުފެށިގެން ރަނގަޅަށް ކުޅެފައިވަނީ ޔުނައިޓެޑުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ 30 މިނެޓުގެ ތެރޭ ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑު ޖަހާ މެޗުގެ ލީޑު ވެސް ނަގާފައެވެ. ޔުނައިޓެޑަށް މެޗުގެ ލީޑު ނަގައިދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބުރޫނޯ ފެނާންޑޭސްއެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ އެސްޓަން ވިލާގެ ގޯލު އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ބުރޫނޯ ފެނާންޑޭސް ކާމިޔާބު ކޮށްދިން ލަނޑާއި އެކު މެޗުގެ ފުރަތަމަ ހާފު ޔުނައިޓެޑުން ނިންމާލީ ކުރީގައި އޮވެގެންނެވެ. ނަމަވެސް މެޗުގެ ފަހުހާފަށް އެސްޓަން ވިލާއިން ނިކުތީ ކުޅުން އިތުރަށް ވަރުގަދަކޮށްގެންނެވެ. ނަތީޖާއެއްގެ ގޮތުން ޔުނައިޓެޑްގެ ފަހަތަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ވެސް އެޓީމުން ތަނަވަސްކުރިއެވެ. ނަމަވެސް އެސްޓަން ވިލާގެ ގިނަ ހަމަލާތަކުގެ ހުރަހަކަށް ވީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔުނައިޓެޑްގެ ގޯލް ކީޕަރ ޑޭވިޑް ޑެހެއާއެވެ.
އެސްޓަން ވިލާއިން ރަނގަޅަށް ކުޅެމުން ދަނިކޮށް ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ފަހަރުވެސް ޔުނައިޓެޑަށް ލަނޑު ޖަހައިދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް އެޓީމަށް ޖަހައިދިން ބުރޫނޯ ފެނާންޑޭސް އެވެ. މެޗުގެ 67 ވަނަ މިނެޓުގައި ޔުނައިޓެޑުން އެޓީމުގެ ދެވަނަ ލަނޑު ޖެހުމާއި އެކު އެސްޓަން ވިލާއިން ވަނީ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ސްޕެއިންގެ ބާސެލޯނާއިން ދާދި ފަހުން އެޓީމަށް ގެނައި ކުޓީނިއޯ ކުޅެން ނެރެފައެވެ. ކުޓީނިއޯ އެސްޓަންވިލާ އާއި ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.
މި މެޗުގައި ކުޓީނިއޯ ކުޅެން އެރިއިރު 2-0 އިން ކުރީގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ. ކުޓީނިއޯ ކުޅެން އެރުމާއި އެކު އެސްޓަން ވިލާއަށް އެނގުންވިއެވެ. ނަތީޖާއެއްގެ ގޮތުން ކުޓީނިއޯގެ އެހީތެރިކަމާއި އެކު އެސްޓަންވިލާގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ފަރަގު ކުޑަކުރިއެވެ. މެޗުގެ 77 ވަނަ މިނެޓުގައި އެސްޓަން ވިލާއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ޖެކަބް ރަމްސީއެވެެ. އަދި އޭގެ ފަހުން މެޗުގެ 82 ވަނަ މިނެޓުގައި ކުޓީނިއޯ ވަނީ އެސްޓަން ވިލާގެ ދެވަނަ ލަނޑު ޖަހާ އެސްޓަން ވިލާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ރޭގެ މި ނަތީޖާއާއި އެކު ޔުނައިޓެޑު އޮތީ ކުޅުނު 20 މެޗުން ލިބުނު 32 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ. ޔުނައިޓެޑާއި އެއްވަރުވި އެސްޓަންވިލާ އޮތީ 20 މެޗުން ލިބުނު 23 ޕޮއިންޓާއި އެކު ތާވަލުގެ 13 ވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް