ކޮމަންޑު ދާއިރާގެ ރައްޔިތުން އެދޭކަންކަން ހާސިލް ކޮށްދެއްވާނެކަމުގެ ޔަގީންކަން ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވައިފިއެވެ.
ރައީސް ޔާމީން މި ޔަގީންކަން ދެއްވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ކެނޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައެވެ.
މި ޖަލްސާގައި ފޯކައިދޫގެ ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމްއާ ގުޅިފައިވާ އިރު، އެ ޒުވާނުންގެ ފޯމްތަކާއި ހަވާލުވެވަޑައިގެންނެވި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނެވެ.
މިޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ފޯކައިދޫ ޒުވާނުންނަކީ ރާއްޖޭގެ އެންމެ މޮޅަށް ފުޓުބޯޅަ ކުޅޭ ޒުވާނުން ތިބި ރަށަށް ކަމަށާއި އެޒުވާނުންނަށް އެފުރުސަތު ބަންދުވުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ކޮންމެ ރަށަކުން ވެސް އެމަނިކުފާނަށް ގިނަ ހުށަހެޅުންތަކެއް ލިބިފައިވާކަމަށެވެ.
"ފޯކައިދޫ ޒުވާނުންނާއި ރާއްޖޭގެ ޒުވާނުންނަށް މިސަރުކާރުން އެއްވެސް ވަރަކަށް އަޅާނުލާކަން މިވީ ތިން އަހަރުން ވަނީ ހާމަވެފަ. ފޯކައިދޫގައި ނިމިދިޔަ ސަރުކާރުން ގާއިމްކުރި ސްޕޯޓްސް އެރީނާ މިއަދު ވީރާނާ ވެގެންދާއިރު، އެކަމަށް އެއްވެސް އަޅާލުމެއް ނުބައްހައްވާކަމީ ޒުވާނުންގެ މަތީން މިސަރުކާރު ހަދާން ނައްތާލާފައިކަން." ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ ޒުވާނުންގެ ބައިވެރިވުމާއެކު ބޮޑު ތަފާތަކުން ފަތުހީއަށް މިއިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް