ސަރުކާރުގެ ބަޖެޓުން 43 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން މަރޮށީ ބަނދަރު ޒަމާނީ ބަނދަރެއްގެ ގޮތުގައި ތަރައްޤީކުރަނީ

ސަރުކާރުގެ ބަޖެޓުން 43 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން މަރޮށީ ބަނދަރު ޒަމާނީ ބަނދަރެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައިދެއްވީ ކޮމަންޑޫ ދާއ...

16 Jan 2022 | 03:05

ސަރުކާރުގެ ބަޖެޓުން 43 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން މަރޮށީ ބަނދަރު ޒަމާނީ ބަނދަރެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަށް ތާއީދު ހޯއްދަވައިދެއްވުމަށް ނައިބު ރައީސް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢު ގައި ބަނދަރު މަރާމާތުކުރާއިރު އެއްގަމު ތޮށި 1300 ފޫޓަށް ބޮޑުކުރުމަށް ނިންމަވާފައިވެއެވެ.

2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މި މަޝްރޫޢު ހެވީ ފޯސްއާ ޙަވާލުކުރައްވާފައިވާ އިރު، ބަނދަރު އަޕްގްރޭޑް ކުރުމަށް ބޭނުންވާ ސާމާނާއި މެޝިނަރީޒް އެރަށަށް ގެންގޮސް ސައިޓް މޮބިލައިޒްކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރުއަންނަނީ ކުރަމުންނެވެ.

ޒަމާނީ ބަނދަރެއްގެ ގޮތުގައި އެރަށު ބަނދަރު ތަރައްގީ ކުރުމަށް ނިންމާފައިވާ އިރު، ބަނދަރުގެ ބޭރު ތޮށި ހަދަނީ މެދަށް ވެލިއަޅައި ހިތްހަމަޖައްސާލަން ތިބެވޭނެ ތަނެއްގެ ގޮތުގައި ބޭނުން ކުރެވޭގޮތަށެވެ. މިއީ 490 މީޓަރުގެ ސޭންޑް-ފިލް ބްރޭކް ވޯޓަރއެކެވެ. އަދި އެއްގަމުތޮށިން ބޭރު ތޮއްޓަށް އެރުމަށް ބްރިޖެއް ވެސް އެޅުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރަށް ބާޖާ ކޮޅުވެއްޓިފަދަ އުޅަނދުތައް ކައިރިކުރުމަށް ރޭމްޕް ހެދުމާއި ޕޭމަންޓް ހެދުމާއި ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ މި މަސައްކަތް ހެވީ ފޯސްއާ ޙަވާލުކުރައްވާފައިވަނީ 420 ދުވަހުން މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

މަރޮށީގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ 600 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެކެވެ. ނަމަވެސް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިޘާގެ ސަބަބުން މަރޮށީ ބަނދަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، ބަނދަރުގެ ބޮޑު ބައެއް ހަލާކުވެ ބަނދަރުގެ ރައްކާތެރިކަންވަނީ ކުޑައެވެފައެވެ. އަދި ބަނދަރުގެ ބައެއް ސަރަޙައްދުތައް ބޭނުންކުރަން ދަތިވެ ޖާގައިގެ ދަތިކަން ވެސް އޮތީ ކުރިމަތިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް